އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަތީ މި ހިނގާ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ހާއްސަ މެހެމާންދާރީގެ ދަށުން ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ހުރިހާ ހަރަދަކާއި މެހެމާންދާރީގެ ކަންކަން ހަމަޖައްސައިދީފައިވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުންނެވެ.
ރައީސް ޑރ. މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ މީގެ ކުރިންވެސް އުމްރާގެ އަޅުކަމާއި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައެވެ. މިފަހަރުގެ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ސައުދީ ސަރުކާރުގެ ދައުވަތަކަށް ކުރެއްވި މުހިންމު ދަތުރުފުޅެކެވެ.
