ޕާކިސްތާނުގެ އެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ލިބެމުންދާ ބޮޑެތި ނާކާމިޔާބީތަކުގެ ޒިންމާއިން ރެކުމަށްޓަކައި، އެ ގައުމުގެ ސިފައިން އަފްޣާނިސްތާނާއެކު އޮތް ހަމަނުޖެހުންތަކުގެ ބޭނުން ހިފަމުންދާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ. މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ދިން ނުރައްކާތެރި ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުންނާއި ސިފައިން މަރުވެފައިވާއިރު، އޭގެ ތެރޭގައި އިސްލާމްއާބާދުގައި ހުންނަ ޝިއައީ މިސްކިތަކަށް ދިްނ ޖާނު ގޮއްވާލުމުގެ ހަމަލާއެއްވެސް ހިމެނެއެވެ.
މި ހަމަލާތައް ދިނުމުގެ ކުރިން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވީ ނަމަވެސް، އެކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. މި އިހުމާލުތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، އެކަން އޮއްބާލުމުގެ ގޮތުން ޕާކިސްތާނު ސިފައިން ވަނީ ފެބްރުއަރީ 21 ވަނަ ދުވަހު އަފްޣާނިސްތާނުގެ ނަންގަރްހާރު، ޕަކްތިކާ އަދި ހޯސްޓް ޕްރޮވިންސްތަކަށް ވައިގެ މަގުން ހަމަލާދީފައެވެ.
އަފްޣާނިސްތާނުގެ އޮފިޝަލުންނާއި އދ. އިން ކަށަވަރުކޮށްދޭ ގޮތުގައި، ޕާކިސްތާނުން ދިން މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ އަދަދެއްގެ އާންމުން ވަނީ މަރުވެފައެވެ. މިއީ އިންޓެލިޖެންސް ފެއިލިއާތަކާއި ދާޚިލީ ހިންގުމުގެ މައްސަލަތަކުން އާންމުންގެ ސަމާލުކަން އަނބުރާލުމަށް ސިޔާސީ މަގްސަދެއްގައި ދިން ހަމަލާތަކެއް ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، ބަލޮޗިސްތާނުގައި ހިނގަމުންދާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތަކާއި، މީހުން ގެއްލުވާލުމާއި، ޝަރީއަތަކާ ނުލައި މީހުން މެރުން ފަދަ ކަންކަމާ މި ހަމަނުޖެހުންތަކާ ގުޅުން ހުރި ކަމަށް ރިޕޯޓުތަކުން ފާހަގަކުރެއެވެ. 2023 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުން ވަނީ އެއް މިލިއަނަށްވުރެ ގިނަ އަފްޣާން ރައްޔިތުން ގަދަކަމުން ބޭރުކޮށް، އެމީހުންގެ މުދާތައް އަތުލާފައެވެ.
މި ހާދިސާތަކާ ގުޅިގެން ޕާކިސްތާނާއި އަފްޣާނިސްތާނުގައި އަސްކަރީ ލީޑަޝިޕާ ދެކޮޅަށް އާންމުންގެ ނުރުހުން އިތުރުވެ، ބޮޑެތި މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. އަދި އަފްޣާނިސްތާނާއެކު އުފެދިފައިވާ މި ހަމަނުޖެހުމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލި، ގައުމުގެ އެތެރޭގެ އޮނިގަނޑު އިސްލާހު ކުރުމުގެ ބަދަލުގައި ބޭރުގެ ކުރިމަތިލުންތަކަށް އިސްކަންދޭކަން ވަނީ ހާމަވެފައެވެ.


