އީރާނާއި އެމެރިކާއާ ދެމެދު ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވި ސަބަބުތައް ޚުލާސާކޮށް

އިސްލާމްއާބާދުގައި އީރާނާއި އެމެރިކާގެ ވަފުދުން 21 ގަޑިއިރަށް ކުރިއަށް ގެންދިޔަ ސީދާ މަޝްވަރާތައް އެއްވެސް އެއްބަސްވުމަކާ ނުލައި ނިމިގެން ދިޔައީ އެމެރިކާއިން އެ މަޝްވަރާތައް ޖކޖާމިޔާބު ކުރުމަށް ފުރުސަތު ނުދިނުމުންނެވެ. މިއީ 40 ދުވަހުގެ ހަނގުރާމައަށްފަހު، ދެ ހަފުތާއަށް ހަނގުރާމަ ހުއްޓާލުމަށް
އެއްބަސްވެ ކުރިއަށް ގެންދިޔަ މަޝްވަރާތަކެކެވެ. މި މަޝްވަރާތަކުގައި ވެސް އެމެރިކާއިން ފެނިފައި ވަނީ ކުރިން ފެނިގެންދިޔަ ދުރުވިސްނުމެއް ނެތް ސިޔާސަތެކެވެ.

އެމެރިކާއިން ބުނީ:

އެމެރިކާގެ ވަފުދުގެ އިސްވެރިޔާ، ނައިބު ރައީސް ޖޭ.ޑީ. ވެންސް ވިދާޅުވީ، ވޮޝިންޓަނުން ބޭނުންވީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ނުވަތަ އެފަދަ ވަސީލަތްތައް ތަރައްގީކުރުމަށް އީރާނުން މަސައްކަތް ނުކުރާނެކަމުގެ ޔަގީން ކަށަވަރު ކުރާށެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ފަރާތުން އެކަމަށް ޔަގީނކަން ދޭ ތަނެއް ފެނިފައެއް ނުވެއެވެ. އަދި އެމެރިކާއިން މަޝްވަރާއަށް އައީ ހެޔޮ ނިޔަތުގައި ދޫދިނުންތަކަކާއެކު ކަމަށާއި، ނަމަވެސް ބައްދަލުވުން ނިންމަން ޖެހުނީ އެއްބަސްވުމަކާ ނުލައި ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުން ބުނީ:

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، ވޮޝިންޓަނަށް ތެހެރާނުގެ "އިތުބާރު ހޯދިފައި ނުވާ" ކަމަށެވެ. އީރާނުގެ ވަފުދުން ބިނާކުރުވަނިވި ހުށަހެޅުންތަކެއް ހުށަހެޅި އެވެ. ނަމަވެސް، "77 އަހަރުވީ އިތުބާރު ނެތުމުގެ ފާރު" ވައްޓާލެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީރާނުގެ ސިޔާދަތަށް އެެމެރިކާއިން އިހުތިރާމް ނުކުރާ ކަމަށާއި އެމެރިކާއަކީ އީރާނުގެ ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަންޖެހޭ ފަރާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން ފާހަގަކުރި މައިގަނޑު ޚިލާފުތައް

އެމެރިކާގެ މީޑިއާއަށް އެމެރިކާގެ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމެރިކާ އިން ހުށަހެޅި ހުށަހެޅުންތައް ގަބޫލުރުކުމަށް އީރާނުން އުދަގުވި ކަމަށެވެ،. އެެމރިކާއިން ހުށަހެޅީ:

  1. – ޔުރޭނިއަމް ފައްކާކޮށް މުއްސަނދިކުރުމުގެ ހުރިހާ މަސައްކަތެއް މުޅިން ހުއްޓާލުން.
  2. – ޔުރޭނިއަމް ފައްކާކުރާ މުއްސަނދިކުރާ މަރުކަޒުތައް ބަންދުކުރުން.
  3. – މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އީރާނުން ބޭރުކުރުން.
  4. – ސަރަހައްދީ ބައިވެރިންނާއެކު ސުލްހައާއި މަސްލަހަތު ގާއިމުކުރުމުގެ ފުރިހަމަ އޮނިގަނޑެއް ގަބޫލުކުރުން.
  5. – ހަމާސް، ހިޒްބުالله އަދި ހޫޘީންނަށް އީރާނުން ދޭ އެހީތައް ހުއްޓާލުން.
  6. – ހުރުމުޒު ކަނޑުއޮޅި އެއްވެސް ފީއަކާ ނުލައި މުޅިން ހުޅުވާލުން.
  7. އެމެރިކާއިން ފޭރިގަނެފައިވާ އީރާނުގެ ފައިސާއިން ދޫކުރަންޖެހޭ މިންވަރާ މެދުވެސް ޚިލާފުތައް އުފެދުން.

އީރާނުގެ ވަފުދުން ފާހަގަކުރި ނާކާމިޔާބީގެ ސަބަބުތައް:

އީރާންގެ ގާނޫނު ހަދާ މަޖިލިސް މެންބަރު ޑރ. މަޙްމޫދު ނަބަވިއާން ވިދާޅުވީ، ވޮޝިންޓަނުން އެދުނު ކަންކަމުގައި ހިމެނެނީ:

  1. – ހުރުމުޒު ކަނޑުއޮޅި އެމެރިކާއާއެކު ބެލެހެއްޓުމާއި އެއިން ލިބޭ އާމްދަނީން އެމެރިކާއަށް ބައެއް ދިނުން.
  2. – 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ގައުމުން ބޭރުކުރުން.
  3. – 20 އަހަރުގެ މުއްދަތަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގުން އީރާނު މަހްރޫމްކުރުން.

ޑރ. މަޙްމޫދު ނަބަވިއާން މި ޝަރުތުތައް ސިފަކުރެއްވީ "އީރާނުގެ ހައްގުތައް ފޭރިގަތުމެއް" ކަމުގައެވެ.

އީރާނުގެ ރައީސް ވިދާޅުވީ:

ރައީސް މަސްޢޫދު ޕެޒެޝްކިއާން ދެކެވަޑައިގަންނަވާ ގޮތުގައި، އެމެރިކާގެ "ދެފުށް ކެހެރި އުސޫލުތަކަކީ" އީރާނަށް އެއްބަސްވުމަކަށް ނާދެވުނު މައިގަނޑު ހުރަހެވެ. އެމެރިކާއިން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބައި އީރާންގެ ސިޔާދަތަށް އިހުތިރާމް ކުރާނަމަ، "އިންސާފުވެރި" އެއްބަސްވުމަކަށް އައުމަށް އީރާނު ތައްޔާރަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސޮލީބީ ރައީސް ވިދާޅުވީ:

ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ނާކާމިޔާބީގެ މައިގަނޑު ސަބަބަކީ "އީރާނުގެ ނިއުކްލިއާ ފޮނި އުންމީދުތައް" ކަމަށެވެ. އަދި ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން ވީ ވައުދު ފުއްދާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން "ވަގުތުން" އެ ކަނޑުއޮޅި ބަންދުކުރަން ފަށާނެ ކަމަށާއި، "އެންމެ އެކަށީގެންވާ ވަގުތުގައި އީރާނު ނައްތާލުމަށް" އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އޭނާ އިއުލާނުކުރެއްވިއެވެ.

އީރާނުގެ މީޑިއާއިން ބުނީ:

އީރާނުގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި، މަޝްވަރާތައް ނާކާމިޔާބުވީ ވޮޝިންޓަނުން ހުށަހެޅި "ހައްދުފަހަނަޅާފައިވާ ޑިމާންޑުތަކުގެ" ސަބަބުންނެވެ.
ޚާއްސަކޮށް ހުރުމުޒް ކަނޑުއޮޅީގައި އެމެރިކާ ބައިވެރި ކުރުމާއި ނިއުކްލިއާ މާއްދާތައް ބޭރުކުރުމާ ގުޅޭ ކަންކަމުގައެވެ.

އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި މަޝްވަރާތައް ބިނާވެފައި އޮތީ:

  1. – ހުރުމުޒް ކަނޑުއޮޅި
  2. – ނިއުކްލިއާ މައްސަލަ
  3. – ހަނގުރާމައިގެ ބަދަލު ދިނުން
  4. – ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން
  5. – ސަރަހައްދީ ހަނގުރާމަ ނިމުމަކަށް ގެނައުން

މީގެ އިތުރުން، އެމެރިކާއިން މީގެދ ކުރިންވެސް ވެފައިވާ ވައުދުތަކާ ޚިލާފުވާކަން އީރާނުން ހަނދާން ނުނެތޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި، އެމރިކާއިން ފޭރިގަނެފައިވާ އީރާންގެ ފައިސާ ދޫކޮށްލުމަށް އެމެރިކާ އެއްބަސްވިއެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލަކު ވަނީ އެވާހަކަ ދޮގުކުރައްވާފައެވެ.

ތެހެރާނުން އެދެމުންދަނީ ހުރުމޒު ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށާއި، ހަނގުރާމައިގެ ބަދަލު ހޯދުމަށާއި، ސަރަހައްދީ ހަނގުރާމަ ހުއްޓާލުމަށާއި، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމުގެ ހުއްދައަށެވެ.

އެސޯސިއޭޓެޑް ޕްރެސްއާ ވާހަކަދެއްކެވި އޮފިޝަލުން މި މަޝްވަރާތައް ސިފަކުރެއްވީ، އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ޑިޕްލޮމެޓިކް މަގު އަލުން ހުޅުވައިދިން "އުންމީދީ ފުރަތަމަ ފިޔަވަޅެއް" ކަމުގައެވެ.
އަދި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު ކާމިޔާބުކަމާއެކު އަދާކުރި ނަމަވެސް، އެންމެ ފަހުގެ ނިންމުން އޮތީ ވޮޝިންޓަނާއި ތެހެރާނުގެ އަތްމަތީގައި ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!