އެމެރިކާއާއެކު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް، ވޮޝިންޓަނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. މި އިންޒާރު ދެއްވީ އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، ހުރުމުޒު ކަނޑުއޮޅިން ވަންނަ އަދި ނުކުންނަ އުޅަނދުފަހަރު ހިފަހައްޓައި އީރާންގެ ބަނދަރުތައް ހިސާރަކުރާނެކަން ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ.
އީރާނުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޤާލީބާފް ވަނީ ޓްރަމްޕްގެ އިންޒާރުތަކަށް ރައްދުދެއްވައި، އެކަމުގެ ސަބަބުން އީރާނުގެ ރައްޔިތުންނަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކުގައި އީރާނުން ބައިވެރިވީ އިޚްލާޞްތެރިކަމާއެކުކަން އޭނާ ފާހަގަކުރެއްވިއެވެ.
"އީރާނުގެ ހެޔޮނިޔަތް ހާމަކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ރަނގަޅު އިސްނެގުންތަކެއް ހުށަހެޅިން، މީގެ ސަބަބުން މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބުނު،" އާދީއްތަ ދުވަހު ޤާލީބާފް ވިދާޅުވިއެވެ.
ނަމަވެސް، މި ވާހަކަފުޅާއެކު އޭނާ ވަނީ ސާފު އިންޒާރެއްވެސް ދެއްވާފައެވެ.
"ޓްރަމްޕް ހަނގުރާމަކޮށްފިނަމަ، އަޅުގަނޑުމެންވެސް ހަނގުރާމަކުރާނަން. އަދި އެމީހުން ބުއްދ އިސްކޮށް ކުރިއަށް ޖެހިއްޖެނަމަ، އަޅުގަނޑުމެންވެސް މުޢާމަލާތްކުރާނީ ބުއްދިވެރިކަމާއެކު. އަޅުގަނޑުމެން އެއްވެސް އިންޒާރަކަށް ބޯނުލަނބާނަން. އަޅުގަނޑުމެން އެމެރިކާއަށް ބޮޑު ފިލާވަޅެއް ނަގައިދިނުމަށްޓަކައި، އަދި އީރާންގެ އަޒުމް އަދި އެއްފަހަރު އިމްތިހާނުކޮށްލަން އެމީހުންނަށް ދޫކޮށްލާނަން،" ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ. މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވިއެވެ.






