މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު އެމެރިކާ ފަނޑުވެ ޗައިނާގެ ނުފޫޒު އިތުރު ވަނީ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރީ އަދި ސިޔާސީ ސަމާލުކަން އެ ސަރަހައްދަށް ހުއްޓިފައިވާ ދަނޑިވަޅެއްގައި، އޭޝިއާ ސަރަހައްދުގައި ޗައިނާގެ މަގާމު ވަރުގަދަކުރުމުގެ މަސައްކަތް ބެއިޖިންގއިން ފަށައިފިއެވެ. އިންޑޯ ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ ހަރަކާތްތައް މި ދުވަސްވަރު ވަނީ މަދުވެފައެވެ. އެކަމުގެ ފައިދާ ނަގައި، ޗައިނާއިން ދަނީ އެ ގައުމުގެ ސަރަހައްދީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިމޭނުން ފުރުސަތުތައް ހޯދަމުންނެވެ.

މާޒީގެ ކަންކަމަށް ބަލާއިރުވެސް އެމެރިކާގެ ސަމާލުކަން އެހެން ދިމާލަކަށް ހުއްޓޭ ކޮންމެ ފަހަރަކު ޗައިނާއިން އެކަމުގެ ފައިދާ ނަގާކަން ފާހަގަކުރެވެއެވެ. އެގޮތުން އިރާގު ހަނގުރާމައިގެ ދުވަސްވަރު ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ހަރަކާތްތައް އިތުރުކުރިއެވެ. އަދި 2021 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބި ވަގުތު، ތައިވާނުގެ ވައިގެ ސަރަހައްދަށް ރެކޯޑް އަދަދަކަށް އަސްކަރީ ބޯޓުތައް ފޮނުވައި ޗައިނާއިން ވަނީ ފިއްތުންތައް ކުރިމަތިކޮށްފައެވެ. މިހާރު ވޮޝިންގޓަނުން މެދުއިރުމަތީގައި ހަމަނުޖެހުން އުފެއްދުމަށް ހުސްވެފައިވާއިރު، ޗައިނާއިން ދަނީ ފުރުސަތުގެ ބޭނުންކުރަމުންނެވެ.

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީން މިހާރު ދަނީ ތައިވާން ވަށާލައިގެން އަސްކަރީ ތަމްރީނުތަކާއި، ކަނޑާއި ވައިގެ މަގުން ގުޅިފައިވާ އޮޕަރޭޝަންތައް ހިންގަމުންނެވެ.

މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ތައިވާން ކަނޑުއޮޅީގެ އިންވަކި ކުރާ ރޮނގު ހުރަސްކުރުމަކީ އާންމު ކަމަކަށް ހެދުމެވެ. މީގެ އިތުރުން، އިންޑިއާގެ ބޯޑަރު ސަރަހައްދުގައި އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެއެވެ. އަދި ގިނަ އަދަދެއްގެ ސިފައިން ބައިތިއްބައިގެން ޗައިނާއިން ދަނީ އެ ސަރަހައްދުގައިވެސް ބާރު ގަދަކުރަމުންނެވެ.

ޗައިނާގެ މި ސްޓްރެޓެޖިކް އުކުޅަކީ ސީދާ ކުރިމަތިލުމަކަށް ނުގޮސް، މަޑުމަޑުން ފިޔަވަޅުތައް އަޅައިގެން ސަރަހައްދީ ބާރު ޗައިނާއަށް ލެނބުމުގެ އަމަލެކެވެ. މިފަދަ ކޮންމެ ފިޔަވަޅަކީ ވަގުތުން ބޮޑު ކާރިސާއަކަށް މަގުފަހިވާ ކަމަކަށް ނުވިޔަސް، ޖުމްލަ ގޮތެއްގައި މުޅި ސަރަހައްދުގެ މަސްލަހަތު ޗައިނާގެ ކޮޅަށް އަނބުރާލުމަށް މި ކަންކަމުން ފަހި ވެގެން ދެއެވެ. ދުނިޔޭގެ ސަމާލުކަން މެދުއިރުމައްޗަށް ހުއްޓިފައި އޮތުމުން، ޗައިނާގެ މި އަމަލުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރިމަތިވާ ފޑުކިޔުން ވަނީ ކުޑަވެފައެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ސަމާލުކަން އެހެން ދިމާލަކަށް ހުރި ކޮންމެ ވަގުތަކީ ޗައިނާއިން އިންޑޯ-ޕެސިފިކް ސަރަހައްދާއި ޗައިނާގެ މަސްލަހަތު އޮންނަ ތަންތާނގައި އެ ގައުމަށް ފައިދާވާ ގޮތަކަށް ހާލަތު ބަދަލުކުރުމަށް ބޭނުންކޮށްލެވޭ ފުރުސަތެކެވެ.

ހިއްސާ ކުރައްވާ!