2025 ވަނަ އަހަރު ޓެރަރިޒަމާ ގުޅުންހުރި މަރުތައް އެންމެ ގިނައިން ރިޕޯޓްކުރި ގައުމަކަށް ޕާކިސްތާން ވެފައި ވެއެވެ. މިއީ ދުނިޔޭގެ ޓެރަރިޒަމް އިންޑެކްސްގައި ނުރަްއްކަލުގެ ދަރަޖައިގައި އިސްލާމްއާބާދުން އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ވެސް ޕާކިސްތާނުގައި ޓެރަރިޒަމްގެ ސަބަބުން 1,139 މީހުން މަރުވެފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6 އިންސައްތައިގެ އިތުރު ވުމެކެވެ. މިއީ ޕާކިސްތާންގެ ސަލާމަތީ މަސްރަހު ގޯސްވަމުންދާ ކަމަށް ޖެހިޖެހިގެން ދައްކާ 6 ވަނަ އަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސިްތާންގައި ޓެރަރިސްޓް ހަމަލާތައް އިތުރުވާން ދިމާވާ މައިގަނޑު ސަބަބަކީ އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމާ ގުޅިގެން، ޕާކިސްތާންގެ ހަތުރެއް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ވަރުގަދަވެ، އެ ޖަމާއަތުގެ ހަރަކާތްތައް ފުޅާވުމެވެ. މީގެ ސަބަބުން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ދޭ ޓެރަރިސްޓް ހަމަލާތައް ވަނީ އިތުރުވެފައެވެ.
ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ޕާކިސްތާނުން ވަނީ ފެބްރުއަރީ މަހު "އޮޕަރޭޝަން ޣަޒަބް ލިލްހައްގު" ގެ ނަމުގައި އަސްކަރީ ހަރަކާތެއް ފަށާފައެވެ. މި އޮޕަރޭޝަންގައި އަފްޣާނިސްތާނުގައި ހުރި ހަނގުރާމަވެރިންގެ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ ނެޓްވޯކްތަކަކަށް ގެއްލުން ދީފައިވީ ނަމަވެސް، ޕާކިސްތާނުގެ އެތެރޭގައި ހުރި ހަރުކަށި ފިކުރުގެ އަސްލު ސަބަބުތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ. ސިޔާސީ ސަލާމަތްތެރިކަމާއި، މަޒްހަބީ ފިތުނައާއި، ފަގީރުކަން އަދި ވެރިކަން ހިންގުމުގެ ނިޒާމުގައި ހުރި ބަލިކަށިކަމަކީ ޕާކިސްތާންގައި ހަރުކަށި ފިކުރު ފެތުރުމަށް މަގުފަހިވާ ކަންކަން ކަމަށް ފާހަގަކުރެވެއެވެ.
ޕާކިސްތާނުގެ ހަރުކަށި ފިކުރު ހުއްޓުވުމުގެ ގައުމީ ސިޔާސަތުގެ ދަށުން ތައުލީމީ އިސްލާހުތަކާއި، މުޖުތަމައު ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޝާޖްބާޒް ޝަރީްފގެ ސަރުކާރުން ނިންމާފައި ވެއެވެ. ނަމަވެސް، އެކަންކަން ތަންފީޒުކުރުން އޮތީ މަޑު ޖެހިފައެވެ. ޚާއްސަކޮށް ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރުމާއި، ބަލޮޗިސްތާނުގެ މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ބޭނުންވާ ކަމަށް ޕާކިސްތާނުގެ ފަރާތްތަކުން ދެކެއެވެ.
ޕާކިސްތާންގައި ޓެރަރިޒަމުން އެންމެ ބޮޑަށް އަސަރު ކުރާ ސަރަހައްދުތަކަކީ ޚައިބަރް ޕަޚްތޫންޚުވާ އަދި ބަލޮޗިސްތާނެވެ. މިއީ މިހާރުވެސް އެންމެ ނުރައްކާތެރި ދެ ސަރަހައްދެވެ. ޓެރަރިސްޓް ހަމަލާތަކުގެ 74 އިންސައްތަ އަދި މަރުވާ މީހުންގެ 67 އިންސައްތަ ހިއްސާކުރަނީ މި ދެ ސަރަހައްދުންނެވެ. ދުނިޔޭގެ ފެންވަރުގައި ޓެރަރިޒަމްގެ ހަމަލާތަކާއި މަރުވާ މީހުންގެ އަދަދު ދަނީ މަދުވަމުން ނެވެ. ނަމަވެސް ޕާކިސްތާނުގައި މި ހަމަލަތައް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
ޓެރަރިޒަމްގެ ދިރާސާކުރާ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި، ހަމައެކަނި އަސްކަރީ އޮޕަރޭޝަންތަކުން މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެއެވެ. ޕާކިސްތާނުގެ ސަލާމަތީ މަސްރަހު ހަމައަކަށް އެޅުވުމަށްޓަކައި، އަސްކަރީ ފިޔަވަޅުތަކާއެކު ދިގު މުއްދަތުގެ އިޖުތިމާއީ އަދި ސިޔާސީ އިސްލާހުތަކެއް ގެންނަން ޖެހެއެވެ.


