އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ނާކާމިޔާބު ވުމާ ގުޅިގެން ޝީ ޖިންޕިން ހުށަހަޅުއްވާ ހަތަރު ނުކުތާގެ ޕްލޭން

ޕާކިސްތާނުގައި ކުރިއަށްދިޔަ އެމެރިކާ އާއި އީރާނުގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އެމެރިކާއާ ހެދި ނާކާމިޔާބު ވުމާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މެދުއިރުމަތީގެ ސުލްހައަށްޓަކައި 4 ނުކުތާގެ ހުށަހަޅުއްވުމެއް ހުށަހަޅުއްވައިފައެވެ. މި ހުށަހެޅުން ހުށަހަޅުއްވާފައިވަނީ ބެއިޖިންގައި އަބޫދާބީގެ ވަލީއަހުދު ޝެއިޚް ޚާލިދު ބިން މުޙައްމަދު ބިން ޒާއިދު އާލަނަޙްޔާނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ރައީސް ޝީ ވިދާޅުވީ، ސަރަހައްދީ ހަމަޖެހުމާއި ދިގު މުއްދަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އޮނިގަނޑަކަށް ޗައިނާއިން އަބަދުވެސް ތާއީދުކުރާ ކަމަށެވެ. ޝީ ވަނީ ސުލްހަވެރިކަމާއެކު ގައުމުތައް އެކުގައި އުޅުމަށާއި، ދޭދޭ ގައުމުތަކުގެ މިނިވަންކަމަށް އިހުތިރާމް ކުރުމަށް ގޮވާލައްވާފައެވެ. އަދި އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާގެ މޭޒަށް އެމެރިކާއާއި އީރާނުން އައުމަށާއި، ނުތަނަވަސްކަން އުފައްދާފައިވާ މަސްރަހު ފިނިކުރުމަށް ހުރިހާ ފަރާތްތަކަކަށް ޝީ ބާރުއެޅުއްވިއެވެ. މި ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ސިޔާސީ ހައްލަކަށް މަގުފަހިކުރުމާއި، ހަމަނުޖެހުންތައް އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުން ކަމަށް ބެއިޖިންގއިން ބުނެއެވެ.

ޝީ ޖިންޕިންގްގެ 4 ނުކުތާގެ ހުށަހެޅުން:

  • ސުލްހަވެރިކަމާއެކު އެކުގައި އުޅުމުގެ އަސާސް ދެމެހެއްޓުން.
    ހަމަޖެހުމުގެ ބިންގަލަކީ ސުލްހަވެރިކަމާއެކު އެކުގައި އުޅުންކަމަށް ކަނޑައަޅައި، އެކަމަށް ހުރިހާ ފަރާތްތަކަކުން އިލްތިޒާމުވުމަށް ޝީ ގޮވާލެއްވިއެވެ.
  • ގައުމީ ސިޔާދަތުގެ އަސާސްތަކަށް ތަބާވުން.
    ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމުކުރުމަށާއި، އިސްތިގުލާލަށް އުނިކަން އަންނާނެ ފަދަ އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަކަށް ބާރުއެޅުއްވިއެވެ.
  • ތަރައްގީއާއި ސަލާމަތީ ކަންކަން ވިލަރެސްކުރުން.
    ދެމެހެއްޓެނިވި ހަމަޖެހުމެއް ގާއިމުކުރުމަށްޓަކައި، ސަރަހައްދީ ތަރައްގީއާއި ސަލާމަތީ ކަންކަން ސަރަހައްދުގެ ގައުމުތައް އެކުގައި ގުޅިގެން ކުރިއަށް ގެންދަންޖެހޭނެކަން ޝީ ފާހަގަކުރެއްވިއެވެ.
  • ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ރައްކާތެރިކުރުން.
    ބައިނަލްއަގްވާމީ ގާނޫނާއި އުސޫލުތައް ދަމަހައްޓައި ހިމާޔަތްކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމުކަމަށް ބާރުއެޅުއްވިއެވެ.

މެދުއިރުމަތީގެ ސުލްހައަކީ ޗައިނާގެ އިގްތިސާދާވެސް ގުޅިފައިވާ ކަމެކެވެ. ޗައިނާގެ އިގްތިސާދަށާއި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މި ހަމަނުޖެހުންތަކުގެ އަސަރު ކުރަމުންދާ ދަނޑިވަޅެއްގައި، ޗައިނާއިން އަންނަނީ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ. ރައީސް ޝީ ފާހަގަކުރެއްވި ގޮތުގައި، ސަރަހައްދުގައި އަލުން ސުލްހަ ގާއިމްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގަލްފުގެ ގައުމުތަކާއެކު މަސައްކަތް ކުރުމަށް ޗައިނާ އޮތީ ތައްޔާރަށެވެ.

އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް މެދުކެނޑުމާ ގުޅިގެން، ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ އުންމީދުތަކަށް ވަނީ ހިޔަނި އެޅިފައެވެ. ބައިނަލްއަގުވާމީ ފަރާތްތަކުން އަލުން މަޝްވަރާތައް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، އަރަބި ސަރުކާރުތަކުން ދަނީ ދެން އަޅާނެ ފިޔަވަޅުތަކާ މެދު ވިސްނަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި ޗައިނާގެ ހުށަހެޅުމަކީ ޑިޕްލޮމެޓިކް ދާއިރާއިން ހުޅުވިގެންދިޔަ އާ ދޮރެއްގެ ގޮތުގައި ބެލެވެއެވެ.

މި ބައްދަލުވުމުގައި ވަލީއަހުދާއި ރައީސް ޝީ ވަނީ ވިޔަފާރި އާއި އިންވެސްޓްމަންޓް ހިމެނޭހެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. އަދި މަސްރަހު ބަދަލުވަމުންދާ ގޮތް ބަލައި، ދެ ގައުމުގެ ދެމެދުގައި މުއާމަލާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ހިއްސާ ކުރައްވާ!