އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އަދަދު 850 އަށް އިތުރުކުރުމަށް ހުށަހަޅައިފި

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ގޮނޑީގެ އަދަދު މިހާރު އޮތް 543 އިން 850 އަށް އިތުރުކުރުމަށް ބީޖޭޕީ ސަރުކާރުން އަންގާރަ ދުވަހު ހުށަހަޅައިފިއެވެ. މި އިޞްލާޙާ ގުޅޭ ބިލަަކީ، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލާ ގުޅޭ ބިލެކެވެ. އަދި އެކަން ވަނީ 3 ދުވަހުގެ ޚާއްޞަ ޖަލްސާއަކަށް ތާވަލް ކޮށްފައެވެ. މި ބިލް މިހާރު ވަނީ މަޖިލިސް މެންބަރުންނާ ޙިއްޞާކޮށްފައެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނު ހަދާ މަޖިލީހާއި ސްޓޭޓް ތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްޞަކުރުމަށް ނިންމާފައިވާ ނިންމުން ތަންފީޛުކުރުމަށް މަގުފަހިކުރުމެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ 2011 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއަށް ބިނާކޮށް، އިންތިޚާބީ ދާއިރާތައް އަލުން ކަނޑައެޅުމުގެ މަސައްކަތާއެކުގައެވެ.

ކުރިއަށް އޮތް ގާނޫނު ހަދާ މަޖިލީހުގެ ޚާއްޞަ ޖަލްސާތަކުގައި މައިގަނޑު ގޮތެއްގައި ބަހުސްކުރާނީ ޕަލަމެންޓްގައި އަންހެނުންނަށް ކަނޑައަޅާ ޚާއްސަ ގޮނޑިތައް ކަނޑައެޅުމާ ބެހޭ އިޞްލާޙުތަކަށާއި، އިންތިޚާބީ ދާއިރާތަކުގެ ބޯޑަރުތައް އަލުން ކަނޑައެޅުމަށެވެ. ސަރުކާރުން ބުނާ ގޮތުގައި މި ދެ ކަންތައް އެކުގައި ކުރިއަށް ގެންދަން ޖެހެނީ އިދާރީ އަދި ޤާނޫނީ ގޮތުން ކުރިމަތިވެދާނެ އުނދަގޫތަކުން ސަލާމަތްވުމަށެވެ.

ގާނޫނު ހަދާ މަޖިލިސް މެންބަރުންނަށް ފޮނުވާފައިވާ ބިލުގެ ދެލިކޮޕީގައި، އިތުރުކުރެވޭ ގޮނޑިތަކުގެ އޮނިގަނޑާއި ދާއިރާތަކުގެ ޗާޓުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ތަފްޞީލު ވެސް ހިމަނާފައިވެއެވެ. ޖަލްސާ ފެށުމުގެ ކުރިން މި ހުށަހެޅުންތައް ދިރާސާކުރުމަށް މެންބަރުންގެ ކިބައިން ވަނީ އެދިފައެވެ.

މިއީ އެތައް އަހަރަކަށް ފަހު ލޯކް ސަބާގެ އެކުލެވިގެންވާ ގޮތަށް ގެނެވޭ އެންމެ ބޮޑު ބަދަލެވެ. މި ހުށަހެޅުން ފާސްވެއްޖެނަމަ، ދާއިރާތައް އަލުން ކަނޑައެޅުމުގެ މަސައްކަތަށްފަހު އައު އޮނިގަނޑަށް އަމަލުކުރަން ފަށާނެއެވެ. މީގެ ސަބަބުން އެކި ސްޓޭޓްތަކުން ގާނޫނު ހަދާ މަޖިލީހުގައި މެމްބަރުން ތަމްސީލުކުރާ އަދަދަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ހިއްސާ ކުރައްވާ!