ޓްރަމްޕަކީ 'ކޮރަޕްޓް ގޭންގްސްޓަރެއް' ކަމަށް ބުނެ އިނގިރޭސި އެމްޕީއަކު ފާޑުވިދާޅުވެއްޖެ

އިނގިރޭސިވިލާތުގެ ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު ސަރ އެޑްވަރޑް ޑޭވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މި މަހުގެ ފަހުކޮޅު ރަސްގެފާނު ޗާލްސް އެމެރިކާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރުމަށް ގޮވާލައްވައިފިއެވެ.

އީރާނަށް އަމާޒުކޮށް ޓްރަމްޕް ދެއްވި އިންޒާރެއް ކަމަށްވާ "މުޅި ހަޟާރާތެއް މިރޭ ނެތިގެންދާނެ" ފަދަ ބަސްމަގު ޓްރަމ،ްޕް ބޭނުން ކުރެއްވުމާ ގުޅިގެން ޑޭވީ ވިދާޅުވީ، މިއީ އެމެރިކާގެ ރައީސެއްގެ ފަރާތުން އިވިގެންދާނެ ކަމަށް ދުވަހަކުވެސް ހީކުރި ފަދަ ބަސްތަކެއް ނޫން ކަމަށެވެ. އަދި ޓްރަމްޕަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބޭރުން އުޅުއްވާ، އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ ބޭފުޅެއްކަން ހާމަވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޓްރަމްޕަކީ އިނގިރޭސިވިލާތުގެ ރަހުމަތްތެރިއެއް ނޫން ކަމަށާއި، އޭނާއަކީ މިނިވަން ދުނިޔޭގެ ލީޑަރެއް ނޫން ކަމަށް ޑޭވީ ސިފަކުރެއްވިއެވެ. އޭގެ ބަދަލުގައި ޓްރަމްޕަކީ "ނުރައްކާތެރި އަދި ކޮރަޕްޓް ގޭންގްސްޓަރެއް" ކަމަށާއި، އޭނާއާ މެދު މުއާމަލާތް ކުރަންޖެހޭނީ އެގޮތުގައި ކަމަށް ޑޭވީ ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއޭ ސްޓާމަރާ މުޚާތަބު ކުރައްވައި ޑޭވީ ސުވާލު ކުރެއްވީ، މާ ބޮޑަށް ލަސްވުމުގެ ކުރިން ރަސްގެފާނުގެ ދަތުރުފުޅު ހުއްޓުވުމަށް ލަފާ ނާރުވާނަންތޯއެވެ؟ "ޓްރަމްޕްގެ އަރިހުގައި ރަސްގެފާނު ހުންނަވަނިކޮށް ޓްރަމްޕް ކުރައްވާފާނެ ކަމަކަށް ނުވަތަ ވިދާޅުވެދާނެ އެއްޗަކަށް އަޅުގަނޑު ބިރުގަނޭ،" ޑޭވީ ވިދާޅުވިއެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން ބޮޑުވަޒީރު ސްޓާމަރު ވަނީ ރަސްގެފާނުގެ ދަތުރުފުޅުގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް 250 އަހަރު ފުރުން ފާހަގަކުރުމަށް ކުރެވޭ މުހިންމު ދަތުރުފުޅެއް ކަމަށެވެ. ނަމަވެސް، އީރާނަށް ޓްރަމްޕް ދެއްވި އިންޒާރަކީ ގޯސް އިންޒާރެއް ކަމަށް ސްޓާމަރ ވިދާޅުވިއެވެ.

ރަސްގެފާނު ޗާލްސް އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ 2007 ވަނަ އަހަރު ރާނީ އެލިޒަބަތު ކުރެއްވި ދަތުރުފުޅަށްފަހު، އިނގިރޭސި ރަސްކަލަކު އެމެރިކާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ހިއްސާ ކުރައްވާ!