އާސިމް މުނީރު ޕާކިސްތާންގެ ވަފްދަކާއެކު ތެހެރާނަށް

ސޮލީބީ ސަހުޔޫނީ ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ގައުމުގެ ސިފައިންގެ އިސްވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާއި ދާޚިލީ ވަޒީރު މުހުސިން ނަގްވީ އާއެކު މަތީ ފަންތީގެ ވަފުދެއް އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެންފިއެވެ. ޕާކިސްތާނުގެ އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ދަތުރުފުޅަކީ މިހާރު އޮތް ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދާއިމީ ސުލްހައަކަށް ބަދަލުކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ ބައެކެވެ. ދެ ފަރާތުގެ މެދުގައި ބާއްވާ ދެވަނަ ބުރުގެ ވާހަކަތައް އަންނަ ހަފުތާގެ ނިޔަލަށް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަށް ބޭނުންވާ އިދާރީ އަދި ސަލާމަތީ ކަންކަން ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު ވަނީ އަންގާފައެވެ. މި ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ ވަފުދުގައި ނައިބު ރައީސް ޖޭޑީ ވެންސް އާއި، ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ދަނބިދަރި ޖަރޑް ކުޝްނާ ހިމެނިވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ޕާލަމެންޓުގެ ރައީސް ޑރ މުހައްމަދު ބާގިރު ގާލީބާފް އާއި ހާރިޖީ ވަޒީރު ޑރ އައްބާސް އަރަގްޗީއެވެ.

ހިއްސާ ކުރައްވާ!