އީޔޫގެ ތެރެއިން ޗައިނާގެ ރަހުމަތްތެރިޔާ ގެއްލިއްޖެ

ހަންގޭރީގައި ބޭއްވި އާންމު އިންތިޚާބުގައި ވިކްޓަރ އޯބަން ބަލިވުމާ ގުޅިގެން، ޔޫރަޕްގެ އިއްތިހާދު (އީޔޫ) ގެ ތެރެއިން ޗައިނާގެ އެންމެ ވަރުގަދަ އެކުވެރިޔާގެ ދައުރު ނިމުމަކަށް އަތުވެއްޖެއެވެ. ވޭތުވެދިޔަ 16 އަހަރު ވެރިކަން ކުރެއްވި އޯބަންގެ ބަލިވުމަކީ، އީޔޫގެ ގަރާރުތައް ޗައިނާއަށް ފަހި ކުރަމުންދިޔަ މަސައްކަތްތަކަށް އެޅުނު ބޮޑު ހުރަހެއް ކަމަށް މ،ީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޯބަންގެ ވެރިކަމުގައި ހަންގޭރީއާއި ޗައިނާއާ ދެމެދު ވަނީ ސިޔާސީ އަދި އިގްތިސާދީ ގޮތުން ވަރަށް ބަދަހި ގުޅުމެއް އުފައްދާފައެވެ. ޗައިނާގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުމުގެ އިތުރުން، ޗައިނާއާ ދެކޮޅަށް އީޔޫއިން ނިންމަން އުޅޭ ނިންމުންތަކަށް ހަންގޭރީން ވަނީ ތަކުރާރުކޮށް ހުރަސްއަޅާފައެވެ. މީގެ ތެރޭގައި ވިޔަފާރިއާއި، ޓެކްނޮލޮޖީ އަދި އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

އެހެން ގައުމުތަކުގެ އިންތިޚާބުތަކާ ޚިލާފަށް، ހަންގޭރީގެ އިންތިޚާބުގައި ޗައިނާއިން އޯބަންއަށް ތާއީދުކުރާކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޗައިނާގެ ކުންފުނިތަކަށް އަމާޒުކޮށް އީޔޫއިން އަޅަން މަސައްކަތްކުރާ ފިޔަވަޅުތައް ހުއްޓުވުމުގައި އޯބަން ވަނީ ޗައިނާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

އޯބަން ވެރިކަމުން ވަކިވުމާއެކު، ޗައިނާއާ މެދު އީޔޫއިން ގެންގުޅޭ ސިޔާސަތުތައް އިތުރަށް އެއްގޮތް ވުމުގެ ފުރުސަތު ބޮޑެވެ. ހަންގޭރީގެ އާ ލީޑަޝިޕުން އީޔޫގެ އާންމު ސިޔާސަތުތަކަށް ތާއީދުކުރާނެ ކަމަށް ބެލެވޭތީ، އިލެކްޓްރިކް ވެހިކަލް ޓެރިފްތަކާއި ޓެކްނޮލޮޖީގެ ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި ޗައިނާއަށް ކުރިމަތިވާ ޕްރެޝަރު ބޮޑުވާނެއެވެ.

އޯބަންގެ ސިޔާސަތަކީ ހަމައެކަނި ފިކުރީ ކަމެއް ނޫން ކަމަށާއި، އެއީ ސްޓްރެޓީޖިކް ގޮތުން ހަންގޭރީއަކީ މެދުތެރޭ ޔޫރަޕަށް ޗައިނާގެ އިންވެސްޓްމަންޓްތައް ވަންނަ ދޮރާށްޓަކަށް ހެދުމަށް ކުރި މަސައްކަތެއް ކަމަށްވެސް ދިރާސާވެރިން ފާހަގަކުރެއެވެ. މީގެ ތެރޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ.

މި ބަދަލާއެކު ޗައިނާއަށް ޖެހޭނީ ޔޫރަޕްގައި އެގައުމުގެ ނުފޫޒު ދެމެހެއްޓުމަށް އާ ގޮތްތަކެއް ހޯދާށެވެ. ބައެއް ރިޕޯޓުތައް ލަފާ ކުރާތުގައި ސްޕެއިން ފަދަ ގައުމުތަކަކީ ޗައިނާއަށް މުހިންމު ގައުމުތަކަކަށް ވެދާނެއެވެ. ނަމަވެސް، އޯބަން ހަންގޭރީގައި ދެއްވި ފަދަ ފުރިހަމަ ސިޔާސީ އެއްބާރުލުމެއް އީޔޫގެ އެހެން އެއްވެސް ގައުމަކުން ލިބުމަކީ ދުރު ކަމެކެވެ.

ހިއްސާ ކުރައްވާ!