ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އިންޑިއާގެ ތެޔޮ ޓޭންކަރުތަކުން އީރާނުގެ ކަމާބެހޭ ފަރާތްތަކަށް އެއްވެސް ފީއެއް ދައްކާފައިނުވާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުން މިކަން ހާމަކޮށްފައިވަނީ، އީރާނަށް ފައިސާ ދައްކައިގެން ދަތުރުކުރާ އުޅަނދުތައް ހުއްޓުވާނެ ކަމަށް އެމެރިކާއިން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާގައި ހުންނަވާ އީރާނުގެ ސަފީރު މުޙައްމަދު ފަތުޙަލީ ވިދާޅުވީ، ސަރަހައްދީ ހަމަނުޖެހުންތައް ފެށުނު ފަހުން އެ ކަނޑުއޮޅިން ދަތުރުކުރި އިންޑިއާގެ އެއްވެސް އުޅަނދަކުން އީރާނުން ފީއެއް ނަގާފައިނުވާނެ ކަމަށެވެ. އަދި މިކަން އިންޑިއާ ސަރުކާރު މެދުވެރިކޮށް ކަށަވަރު ކުރުމަށް އޭނާ ނޫސްވެރިންނަށް އިލްތިމާސް ކުރެއްވިއެވެ. ފަތުޙަލީ އިތުރަށް ވިދާޅުވީ އީރާނާއި އިންޑިއާއަކީ ގާތް ގުޅުމެއް އޮންނަ، އެއްގޮތް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދެ ގައުމު ކަމަށެވެ.
އިންޑިއާ ސަރުކާރުން ވެސް ވަނީ އުޅަނދުތައް ދަތުރުކުރުމަށް އެއްވެސް ފައިސާއެއް ދައްކާފައިވާނެ ކަމަށް ބުނާ ވާހަކަތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ. އިންޑިއާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވި ފަހުން، ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެލް.ޕީ.ޖީ އުފުލާ އިންޑިއާގެ ނުވަ އުޅަނދެކެވެ. ނަމަވެސް، މި ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ދިދަ ޖަހާފައިވާ 15 އުޅަނދެއް އަދިވެސް ފާރިސީ ކަނޑުގެ ސަރަހައްދުގައި ތާށިވެފައި އެބައޮތެވެ.
ހުރުމުޒު ކަނޑުއޮޅިއަކީ އިންޑިއާގެ ހަކަތައިގެ ރައްކާތެރިކަމަށް ނުހަނު މުހިންމު ސަރަހައްދެކެވެ. އިންޑިއާއަށް އެތެރެކުރާ ސާފުނުކުރާ ތެލާއި އެލް.ޕީ.ޖީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދަތުރުކުރަނީ މި ހަނި ކަނޑުއޮޅި މެދުވެރިކޮށެވެ. އެހެންކަމުން، މި ސަރަހައްދުގެ ދަތުރުފަތުރަށް އަންނަ ކޮންމެ ބަދަލެއްގެ ސަބަބުން އިންޑިއާގެ ތެޔޮ ސަޕްލައިއަށާއި، އިންޝުއަރެންސް ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.
އެމެރިކާއިން ބުނަމުންދަނީ އީރާނަށް ދައްކާ ފައިސާއަކީ އެ ގައުމުގެ އަސްކަރީ ހަރަކާތްތަކަށް ލިބޭ އެހީއެއް ކަމަށެވެ. ނަމަވެސް އިންޑިއާއިން މަސައްކަތް ކުރަމުންދަނީ މި މައްސަލައިގެ ތެރެއަށް ނުވަދެ، ގައުމަށް ބޭނުންވާ ހަކަތަ މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކުރުމަށެވެ. އީރާނުގެ މި ބަޔާނަކީ އިންޑިއާއާއެކު އޮތް ސިޔާސީ ގުޅުން ދެމެހެއްޓުމަށް ދިން ޔަގީންކަމެއް ކަމަށް ބެލެވެއެވެ.
ހަނގުރާމަިއގެ ސަބަބުން އުޅަނދުތައް ލަސްވުމާއި، އިންޝުއަރެންސް ޕްރީމިއަމް ބޮޑުވުމުގެ ޝަކުވާ އިންޑިއާގެ އުޅަނދުތަކުގެ ވެރިން ދަނީ ކުރަމުންނެވެ. އިންޑިއާ ސަރުކާރުން ދަނީ ސަރަހައްދީ ބައިވެރިންނާ ގުޅިގެން، ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.




