އދގެ 81 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ބަންގްލަދޭޝްއިން ކުރިމަތިލުމަށް އިންޑިއާއިން ތާއީދުކޮށްފިއެވެ. މިކަން ހާމަކުރެއްވީ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހާފިޒުއްދީން އަހުމަދާއި، އިންޑިއާއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕްރަނޭ ވަރްމާ ބޭއްވި ބައްދަލުވުމެއްގައެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މަޖިލީހުގެ ރައީސް ހާފިޒް ވިދާޅުވި ގޮތުގައި، ޔޫއެންގެ ރިޔާސަތަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއްރަހުމާން ކުރިމަތިލެއްވުމަށް އިންޑިއާއިން ތާއީދުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހުތިރާމް ހާމަކޮށްދޭ ކަމެކެވެ.
މީގެ އިތުރުން، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. "އިންޑިއާއަކީ ބަންގްލަދޭޝްގެ އެންމެ ގާތް އަވަށްޓެރި ގައުމު އަދި ސަރަހައްދީ ޑިޕްލޮމަސީގައި މުހިންމު ބައިވެރިއެއް،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި އިންޑިއާއިން ވެދިން އެހީތެރިކަން ފާހަގަކުރައްވަމުން، އެ ތާރީޚީ ގުޅުމަކީ މިއަދުވެސް އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާތަކުން އެއްބާރުލުން ދިނުމުގައި ބޭނުންކުރާ ބިންގާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އިންޑިއާގެ ސަފީރު ޕްރަނޭ ވަރްމާ ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް މެދުވެރިކޮށް ގުޅުންތައް އިތުރަށް ކުރިމަގުގައި ފުޅާކުރެވޭނެއެވެ.
މި ބައްދަލުވުމުގައި އިގްތިސާދީ ގުޅުންތަކާއި، ވިޔަފާރީގެ ފުރުސަތުތަކުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. އިންޑިއާގެ ސަފީރު ވަނީ މަޖިލީހުގެ ރައީސަށް އިންޑިއާގެ ގާނޫނުއަސާސީގެ ކޮޕީއެއް ހަދިޔާކުރައްވާފައެވެ.




