އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ބޭއްވި މަތީ ފަންތީގެ ބައްދަލުވުންތަކަށްފަހު، ޕާކިސްތާނުގެ އާމީ ޗީފް ފީލްޑް މާޝަލް އާސިމް މުނީރު ތެހެރާނުން ފުރާވަޑައިގެންފިއެވެ. ޕާކިސްތާނުގެ ސިފައިން ބުނި ގޮތުގައި މި ދަތުރުފުޅަކީ ސަރަހައްދީ ހަމަނުޖެހުންތަކަށް މަޝްވަރާގެ މޭޒުން ހައްލު ހޯދުމަށާއި، ހަމަޖެހުން ގާއިމުކުރުމަށް އިސްލާމްއާބާދުން ކުރާ މަސައްކަތުގެ ހެއްކެކެވެ.
މި ދަތުރުފުޅުގައި އާމީ ޗީފް އާސިމް މުނީރުގެ އަރިހުގައި ޕާކިސްތާނުގެ ދާޚލީ މިނިސްޓަރު މުހްސިން ނަގްވީ ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭފުޅުން ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، ޕާލަމަންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް، ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީގެ އިތުރުން އެ ގައުމުގެ ސިފައިންގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ސަރަހައްދީ ސަލާމަތާއި، މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ މާހައުލު ދެމެހެއްޓުމަށާއި، އިތުރު ހަމަނުޖެހުންތަކެއް އުފެދުމުން ހުއްޓުވުމަށް ކުރެވިދާނެ ޑިޕްލޮމެޓިކް މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
ޕާކިސްތާނުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށް އޮތް ހަމައެކަނި މަގަކީ "މަޝްވަރާކުރުމާއި، ނުތަނަވަސްކަން ކުޑަކުރުމާއި، އަދި މެދުކެނޑުމެއްނެތް ގުޅުންތައް ބޭއްވުން" ކަމަށް ޖެނެރަލް މުނީރު ވިދާޅުވި ކަމަށެވެ.
މި ދަތުރުފުޅު ކުރިއަށް ގޮސްފައިވަނީ ހަފްތާތަކެއްގެ ކުރިމަތިލުންތަކަށްފަހު، އީރާނުން އެ ގައުމުގެ ވައިގެ ސަރަހައްދު ބައެއް ގޮތްގޮތުން ހުޅުވާލައި، ހުރުމުޒު ކަނޑުއޮޅިން މުދާ އުފުލާ އުޅަނދުފަހަރަށް ލިމިޓެޑްކޮށް ހުއްދަ ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.



