ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އެމެރިކާއަށް އޮތް މަގުބޫލުކަން ކުޑަވެ، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް އިގްތިސާދަކަށް ޗައިނާ ވުމުގެ މަގުމަތީގައިވާ ކަމަށް ދުނިޔޭގެ ސިނާއީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އާއި ޗޭސް ޓްރެވަލް ގުޅިގެން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2025 ވަނަ އަހަރު ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާ ވަނީ 9.9 އިންސައްތަ ކުރިއަރާފައެވެ. މިއީ ދުނިޔޭގެ އެވްރެޖް ކުރިއެރުމަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގެ ފަތުރުވެރިކަން ކުރިއަރާފައިވަނީ އެންމެ 0.9 އިންސައްތައަށެވެ. ޗައިނާގައި ބޭރުގެ ފަތުރުވެރިން ކުރި ހޭދަ 10 އިންސައްތައަށްވުރެ އިތުރުވެފައިވާއިރު، އެމެރިކާގައި ފަތުރުވެރިން ކުރި ހޭދަ ވަނީ 5 އިންސައްތަ އަށް ދަށްވެފައެވެ. ޑަބްލިއުޓީޓީސީގެ ރައީސް އަދި ސީއީއޯ ގްލޯރިއާ ގުވޭރާ ވިދާޅުވި ގޮތުގައި، މިހާރު ހުރި މިސްރާބަށް ބަލާއިރު ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު އަހަރު ތެރޭގައި ޗައިނާ އެމެރިކާއާ އަރާ ހަމަކޮށް، މި 10 އަހަރު ނިމުމުގެ ކުރިން ދުނިޔޭގެ އެއްވަނަ ޓޫރިޒަމް އިގްތިސާދަށް ޗައިނާ ވުމުގެ ފުރުސަތު ބޮޑެވެ.
އެމެރިކާއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ދަށްވަމުންދާ ސަބަބުތަކުގެ ތެރޭގައި ހިޖުރަ ކުރުމުގެ ގަވާއިދުތައް ހަރުކަށިވުމާއި، ވިސާ ހޯދުމުގައި ހުރި ދަތިތަކުގެ އިތުރުން ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ހިމެނެއެވެ. އިންޓަނޭޝަނަލް ޓްރޭޑް އެޑްމިނިސްޓްރޭޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރު އެމެރިކާއަށް ޒިޔާރަތްކުރީ 68 މިލިއަން ފަތުރުވެރިންނެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 5.5 އިންސައްތައިގެ ދަށްވުމެކެވެ.
ޗައިނާގެ ފަތުރުވެރިކަން ހަލުވިކަމާއެކު ކުރިއަރަމުންދަނީ އެގައުމުން ގެންގުޅޭ ލުއި ސިޔާސަތުތަކުގެ ސަބަބުންނެވެ. މީގެ ތެރޭގައި ގިނަ ގައުމުތަކަކަށް ވިސާއާ ނުލައި އެތެރެވުމުގެ ފުރުސަތު ދިނުމާއި، ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުން ހިމެނެއެވެ. ޗައިނާއިން ވަނީ އެއާޕޯޓްތަކާއި، ހައި ސްޕީޑް ރޭލްވޭ އަދި ޑިޖިޓަލް ޓްރެވަލް ޚިދުމަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ.
ނަމަވެސް، އަދިވެސް މާލީ ގޮތުން ކުރީގައި އުޅެނީ އެމެރިކާއެވެ. 2025 ވަނަ އަހަރު އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ޖީޑީޕީއަށް 2.6 ޓްރިލިއަން ޑޮލަރު ހިއްސާކުރިއިރު، ޗައިނާގެ ހިއްސާއަކީ 1.8 ޓްރިލިއަން ޑޮލަރެވެ. އެހެންނަމަވެސް، އެމެރިކާއަށް ދިމާވެފައިވާ ވިސާ ޕްރޮސެސްކުރުމުގެ ލަސްކަމާއި ބޯޑަރު ކޮންޓްރޯލް ކުރުމުގެ މައްސަލަތަކުގެ ސަބަބުން ޗައިނާއިން އެ ފަރަގު ކުޑަކުރަމުންދާކަން ފާހަގަކުރެވެއެވެ.
ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ފަދަ ބޮޑެތި ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ ފަތުރުވެރިކަމަށް ވަގުތީ ކުރިއެރުމެއް ލިބިދާނެ ކަމަށް ލަފާކުރެއެވެ. އެހެންނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި އެމެރިކާގެ މަބްގޫލުކަން ކުޑަ ވުމާއި ދުނިޔޭގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން ފަތުރުވެރިންގެ އިތުބާރު ކުޑަވެ، ފުރިހަމަ ކުރިއެރުމެއް ހޯދުމަށް ގޮންޖެހުންތަކެއް ހުރިކަމަށް އިންޑަސްޓްރީގެ މާހިރުން އިންޒާރުދެއެވެ.



