އިންޑިއާގެ ދެ އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެން ޓްރަމްޕް ކުއްލި ބައްދަލުވުމެއްގައި

ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އިންޑިއާގެ ދެ އުޅަނދަކަށް އީރާން ސިފައިން ބަޑި ޖެހުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ. މި ހާދިސާ އަށްފަހު އެ ކަނޑުއޮޅި މިހާރު ވަނީ ބަންދުކޮށްފައެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށެވެ. އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި، މިއީ ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށާއި، މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބިއްޖެނަމަ އަލުން ހަނގުރާމަ ފެށުމުގެ ބިރު އޮތް ކަމަށެވެ.. ވައިޓް ހައުސްއިން ދަނީ މި ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ދުނިޔޭގެ މީޑިއާއިން ބުނެފައި ވަނީ ޓްރަމްޕް ބާރު ދެއްކިނަމަވެސް ހުރުމުޒުގައ އަސްލު ބާރުވެރިއަކީ ކާކުކަން މިހާރު އެނގިފައިވާ ކަމަށެވެ.

ހުރުމުޒު ބަންދުކުރުމުގެ ސަބަބުން ތެޔޮ އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ އުޅަނދުތަކުގެ ދަތުރުފަތުރަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވީ، ހުރުމުޒުގެ ކޮންޓްރޯލް ބޭނުންކޮށްގެން ނުފޫޒު ފޯރުވުމަށް އީރާނުން ކުރާ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެ ކަމަށެވެ. އަދި އީރާނުން މަސްލަހަތު ނަގާލަން މަސައްކަތްކޮށްފިނަމަ، އެކަމަށް ރައްދު ދިނުމަށް ތައްޔާރަށް އޮތް ކަމަށްވެސް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

ސިޗުއޭޝަން ރޫމްގައި ބޭއްވި މި ބައްދަލުވުމުގައި ގައުމީ ސަލާމަތާ ބެހޭ އިސް ވެރިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި އިންޓެލިޖެންސް ރިޕޯޓުތަކާއި، އަސްކަރީ ތައްޔާރީތަކުގެ އިތުރުން ޑިޕްލޮމެޓިކް ގޮތުން އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. މީގެ އިތުރުން، ހުރުމުޒު ބަންދުވު ކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ކުރާނެ އަސަރުތަކާ މެދުވެސް ވަނީ ވާހަކަ ދައްކާފައެވެ.

އިންޑިއާގެ އުޅަނދުތަކަށް ދިން މި ހަމަލާއާ ގުޅިގެން ނިއުދިއްލީން ވަނީ އީރާން އެމެބެސެޑަރު ޚާރިޖިއްޔާއަށް ހާޒިރުކޮށް އިހުތިޖާޖު ކޮށްފައެވެ. އިންޑިއާއަކީ ހުރުމުޒު ކަނޑުއޮޅި މެދުވެރިކޮށް އެތެރެކުރާ ހަކަތައަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ.

އަދި އިންޑިއާއަކީ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި އިސްރާއީލަށް ތާއީދުކޮށް ބަޔާން ނެރެފައިވާ ގައުމެކެވެ. އެމެރިކާއިން ބުނީ މިކަމާ ގުޅިގެން އިންޑިއާ އާއި އެހެނިހެން ބައިވެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ހުރިހާ އުޅަނދުތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

 

ހިއްސާ ކުރައްވާ!