އިންޑިއާގެ އުޅަނދުތަކަށް ހަމަލާދިނުމާ ގުޅިގެން ހުރުމުޒުގެ އަސްލު ބާރުވެރި ފަރާތް ޔަގީން ވެއްޖެ

އީރާނުގެ އިސްލާމީ އިންގިލާބީ ސިފައިން (އައިއާރުޖީސީ) އިން ހުރުމުޒުން ދަތުރުކުރި އިންޑިއާގެ ދިދަ ޖަހާފައިވާ ދެ އުޅަނދަކަށް ދިން ހަމަލައާއެކު އީރާނުގެ ބާރުގެ މިންވަރު ހާމަވެގެން ހިނގައްޖެއެވެ. އީރާނުން މި ހަމަލާ ދީފައިވަނީ ލުބުނާނުގެ ހަނގުރާމަ ހުއްޓާލާފައިވާ ވަގުތު އެ ސަރަހައްދު އޮތީ ވިޔަފާރި އުޅަނދުތަކަށް ހުޅުވާފައި ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އިއުލާނު ކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ހުރުމުޒަކީ ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ މުހިންމު މަގަކަށްވާއިރު، އީރާނުގެ މަދަނީ ސަރުކާރުން ބުނަމުންދަނީ އެ ސަރަހައްދު އޮތީ ހުޅުވާލެވިފައި ކަމަށެވެ. ނަމަވެސް އިންގިލާބީ ސިފައިން ބާރުއަޅަމުންދަނީ އެ ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ އުޅަނދެއް އައިއާރްޖިސީއާއެކު ގުޅައި ވިލަރެސް ކުރަންޖެހޭނެ ކަމަށެވެ. މި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ކުންފުނިތަކާއި ގައުމުތަކަށް ވަނީ އޮޅުން އަރާގޮތް ވެފައެވެ.

މި ހަމަލާއާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ނިއުދިއްލީގައި ހުންނަ އީރާނުގެ ސަފީރު ހާޒިރުކޮށް، މިކަމުގެ ސީރިއަސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމަލާ އަމާޒުވި އުޅަނދުތަކުގެ ތެރޭގައި އިރާގުގެ ދެ މިލިއަން ފީފާ ތެޔޮ ހިފައިގެން ދަތުރުކުރި ސުޕަޓޭންކަރެއް ހިމެނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ދެ އުޅަނދަށްވެސް ވަނީ ދަތުރު ހުއްޓާލައި އެނބުރި ދާން މަޖުބޫރުވެފައެވެ. އިންޑިއާގެ ގޭސް އިމްޕޯޓްގެ ބޮޑު ބައެއް މި ސަރަހައްދުން ދަތުރުކުރާއިރު، މިއީ އިންޑިއާގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.

އައިއާރުޖީސީގެ ކަނޑުގެ ސިފައިން މިހާރު ވަނީ އެ ސަރަހައްދުން ދަތުރުކުރުމަށް ހަރުކަށި ޝަރުތުތަކެއް ކުރިމަތި ކޮށޑްފައެވެ. އެގޮތުން އެއްވެސް އަސްކަރީ އުޅަނދެއް ނުވަތަ 'ދުޝްމަނުންގެ' މުދާ އުފުލާ އުޅަނދެއް އެ ސަރަހައްދުން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އެނަލިސްޓުން ބުނާ ގޮތުގައި އީރާނުގެ ބާރު ވެރި ފަރާތަކީ މިހާރު އައިއާރުޖީސީ އެވެ.

ހިއްސާ ކުރައްވާ!