ލުބުނާން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ހައިފާ އާއި ވަދީ އަރާގައި އިޒްރޭލުގެ ގިނަ ބަޔަކު މުޒާހަރާކޮށްފި

އިޒްރޭލު ސަރުކާރުން ލުބުނާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައި، އިޒްރޭލުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ހައިފާގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފިއެވެ. ހައިފާގެ ހޮރެވް ޖަންކްޝަނަށް އެއްވި މުޒާހަރާގެ ބައިވެރިން ވަނީ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ބޯޑުތަކާއި ބެނާތައް ބޭނުންކޮށްފައެވެ.

މި މުޒާހަރާތައް ކުރިއަށް ގޮސްފައިވަނީ، ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ އަދި ސަލާމަތީ ނަތީޖާތަކާ ގުޅިގެން އިޒްރޭލު ސަރުކާރުގެ ސިޔާސަތުތަކަށް އެ ގައުމުގެ އެތެރޭގައި ފާޑުކިޔުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ހައިފާގެ އިތުރުން، އެ ސިޓީގެ ދެކުނު އިރުމަތީގައި އޮންނަ ވަދީ އަރާ ސަރަހައްދުގެ ކަރްކޫރް ޖަންކްޝަނުގައި ވެސް މިފަދަ މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އިޒްރޭލުގެ މުޖުތަމައުތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި ހަނގުރާމައިގެ ބަދަލުގައި ސިޔާސީ ހައްލަކަށް އިސްކަންދިނުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މި މުޒާހަރާތައް ބާއްވާފައި މިވަނީ، ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިޒްރޭލުގެ އާންމުންގެ ބޮޑު ތާއީދެއް އޮތް ކަމަށް ދައްކާ ދަނޑިވަޅެއްގައެވެ. އިޒްރޭލުގެ މީޑިއާއިން ދާދި ފަހުން އާންމުކުރި ސާވޭއަކުން ދައްކާ ގޮތުގައި، އެ ގައުމުގެ 77 އިންސައްތަ މީހުން އަސްކަރީ އުދުވާނީ ހަމަލާތައް ކުރިއަށް ގެންދިއުމަށް ތާއީދުކުރެއެވެ. ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރަނީ އެންމެ 12 އިންސައްތަ މީހުންނެވެ.

މި މުޒާހަރާތައް ކުރިއަށް ދިޔައީ މެންދަމުން ފެށިގެން ހިޒްބުالله އާއެކު ގާއިމުކޮށްފައިވާ 10 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުން ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ.

ހިއްސާ ކުރައްވާ!