ޣައްޒާގެ ދެކުނުގައި އިސްރާއީލުގެ ހަމަލާއެއްގައި ފަލަސްތީނު މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހްގެ އުތުރު ސަރަހައްދެއްގައި ހުރި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކެއްގެ ކައިރިން އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނު މީހަކު ޝަހީދުކޮށްލައިފިއެވެ. މިއީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވި އެންމެ ފަހުގެ ހާދިސާއެވެ.

މެޑިކަލް މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، ރަފަހްގެ ހުޅަނގު އުތުރުގައި އޮންނަ ސަރަހައްދުގައި ބަޑިޖަހާ މަރާލާފައިވާ މީހެއްގެ ހަށިގަނޑު ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އިސްރާއީލުން މެދުނުކެނޑި ބަޑިޖަހަމުން ދިއުމުގެ ސަބަބުން، މެޑިކަލް ޓީމުތަކަށް އެ ސަރަހައްދަށް ނުދެވި، އެ މީހާގެ ހަށިގަނޑު އެތައް ގަޑިއިރެއް ވަންދެން އެތަނުގައި އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ލާހިޔާގެ ޒިކިމް ސަރަހައްދުގައި އިސްރާއީލުން ދިން ހަމަލާއެއްގައި ޒަޚަމްވި ފަލަސްތީނުގެ އެހެން މީހަކު ވެސް ވަނީ ޝަހީދުވެފައެވެ. މި ދެ މަރުގެ ހާދިސާއާއެކު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލު ސިފައިން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާތައް ދެމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަކިވަކި ހާދިސާތަކުގައި ކުޑަކުއްޖަކު އަދި ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ދޭ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 773 ފަލަސްތީނު މީހުން ޝަހީދުވެ، 2,171 މީހުން ޒަޚަމްވެފައިވޭ،" ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަހު ކުރި ހަނގުރާމައަށްފަހު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ އޮކްޓޯބަރު 10 ގައެވެ. އެ ހަނގުރާމައިގައި 72,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެ، 172,000 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އަދި ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ބޮޑު ބައެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި ޣައްޒާގެ އިމާރާތްތަކާއި ޒަރޫރީ ޚިދުމަތްތަކުގެ 90 އިންސައްތަ ވަނީ ހަލާކު ކޮށްފައެވެ.

ހިއްސާ ކުރައްވާ!