މިދިޔަ އަހަރު ޕަހަލްގާމްގައި 26 ފަތުރުވެރިން މަރުވި ނުރައްކާތެރި ހަމަލާއަށް އަހަރު ފުރޭ މުނާސަބާގައި އިންޑިއާ އާއި އޮސްޓްރިއާއިން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ދެ ގައުމުން މިކަން ކުށްވެރިކޮށްފައިވަނީ ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލަމުންނެވެ.
މި މައުޟޫއަށް މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އޮސްޓްރިއާގެ ޗާންސެލަރު ކްރިސްޓިއަން ސްޓޮކާ ބޭއްވި ބައްދަލުވުމުގައެވެ. މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި އޮސްޓްރިއާގެ ލީޑަރަކު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި، ދެ ގައުމުގެ ލީޑަރުން ވަނީ ކޮންމެ ސިފައެއްގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ކަމުގައިވި ނަމވެސް އެކަން ކުށްވެރިކުރައްވާފައެވެ. އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިސްޓް ނެޓްވޯކްތަކާއި، ދީނީ ހަރުކަށިކަމާއި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން ދިއްލީގެ ރެޑް ފޯޓް ކައިރީގައި ހިނގި ޓެރަރިޒަމްގެ ހާދިސާވެސް ދެ ގައުމުން ވަނީ ކުށްވެރިކޮށްފައެވެ.
ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށް އިންޑިއާ އާއި އޮސްޓްރިއާއިން ވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ޓެރަރިޒަމަށް ފަންޑުކުރުން ހުއްޓުވުމާއި، އައު ޓެކްނޮލޮޖީތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ އިތުރުން މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.
މި މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ޖޮއިންޓް ވޯކިން ގްރޫޕެއް އުފެއްދުމަށް ދެ ގައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި އެއްގައި ވަނީ ސޮއިކޮށްފައެވެ. މި ގްރޫޕްގެ ސަބަބުން ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި، ހާއްސަކޮށް އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދު އޮންނަ ގުޅުންތަކުގެ ތެރެއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.





