އިންޑިއާގެ ރޭލްވޭ އަށް ރެކޯޑް އަދަދެއްގެ ބަޖެޓެއް ކަނޑައަޅައިފި

އިންޑިއާގެ ރޭލްވޭ ނިޒާމު ޒަމާނީ ކުރުމަށްޓަކައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުގެ ދަށުން، 2027 ވަނަ މާލީ އަހަރަށް ރެކޯޑް އަދަދެއް ކަމަށްވާ 33.36 ބިލިއަން ޑޮލަރު (2.78 ލައްކަ ކްރޯޑް ރުޕީސް) ގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.
މިއީ އިންޑިއާގެ ރޭލްވޭގެ 173 އަހަރުވީ ތާރީޚުގައި މި ދާއިރާއަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓެވެ.

މި ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރުމަށް ހަމަޖެހިފައިވަނީ ހައި ސްޕީޑް ރޭލްވޭ ތަރައްޤީ ކުރުމަށެވެ. އެގޮތުން ގަޑިއަކު 320 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ މުމްބާއީ އަހުމަދުއާބާދު ބުލެޓް ޓްރެއިންގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިތުރު 4،000 ކިލޯމީޓަރުގެ ހަތް ކޮރިޑޯއެއް ޕްލޭން ކުރެވެމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި 35 ކާގޯ ޓާމިނަލް އިތުރުކޮށް، 119 ސްޓޭޝަނެއް ވަނީ އަލުން ތަރައްޤީކޮށްފައެވެ.

އިންޑިއާގެ ރޭލްވޭ ބޭނުންކުރާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. 2025-26 ވަނަ އަހަރު 741 ކްރޯޑް މީހުން ރޭލުގައި ދަތުރުކޮށްފައިވާއިރު، މުދާ އުފުލުމުގެ ދާއިރާއިން 9.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިހާރު ކޮންމެ ދުވަހަކު ގާތްގަނޑަކަށް 25،000 ރޭލު ދަތުރުކުރާއިރު، މުޅި ނެޓްވޯކްގެ 80 އިންސައްތައަކީ ގަޑިއަކު 110 ކިލޯމީޓަރަށްވުރެ ބާރަށް ދަތުރުކުރެވޭނެ ފެންވަރަށް ތަރައްޤީކޮށްފައިވާ މަގުތަކެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފްކުރި "ވަންދޭ ބާރަތު އެކްސްޕްރެސް" އަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިހާތަނަށް 9 ކްރޯޑަށްވުރެ ގިނަ މީހުން ވަނީ މި ރޭލުތަކުގައި ދަތުރުކޮށްފައެވެ. މީގެ އިތުރުން، އަގުހެޔޮކޮށް ދުރު ރަށްތަކަށް ދަތުރުކުރުމަށް ޚާއްޞަކޮށްގެން "އަމްރިތު ބާރަތު" ގެ ނަމުގައި 60 އަށްވުރެ ގިނަ ރޭލު މިހާރު ދަނީ އޮޕަރޭޓް ކުރަމުންނެވެ.

އިންޑިއާ ރޭލްވޭގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ މުޅި ނެޓްވޯކް އިލެކްޓްރިފައި ކުރުމެވެ. 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރޭލްވޭގެ 99.6 އިންސައްތަ ވަނީ ކަރަންޓަށް ބަދަލުކޮށްފައެވެ. މީގެ ސަބަބުން 2024-25 ވަނަ އަހަރު އެކަނިވެސް 180 ކްރޯޑް ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވިފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ. މިއީ އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ލިބުނު ވަރަށް ބޮޑު ކުެރިއެރުމެކެވެ.

ހިއްސާ ކުރައްވާ!