ސްރީލަންކާގެ އާގު ބޯޓު ބަންނަ އެންމެ ބޮޑު ވިޔަފާރި ބޯޓުޔާޑު ކަމަށްވާ "ކޮލަމްބޯ ޑޮކްޔާޑް ޕީއެލްސީ" ގެ 51 އިންސައްތަ ހިއްސާ، އިންޑިއާ ސަރުކާރުގެ ދިފާއީ ބޯޓުފަހަރު ބަންނަ ކުންފުނި "މާޒަގަން ޑޮކް ޝިޕްބިލްޑާސް ލިމިޓެޑް" (އެމްޑީއެލް) އިން ގަނެފިއެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ކަނޑުގެ ބާރުވެރިކަން އިތުރުކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އިންޑިއާ މީޑިއާއިން ސިފަ ކުރެއެވެ.
ކޮލޮމްބޯ ޑޮކްޔާޑް ގަތުމުގެ އެއްބަސްވުމަކީ ފާއިތުވި ދެ ދަހަރު ދުވަހު ޗައިނާއިން ސްރީލަންކާގެ ހަމްބަންޓޮޓާ ބަނދަރު ފަދަ މަޝްރޫއުތަކުގެ ތެރެއިން ހޯދާފައިވާ ނުފޫޒުވެރިކަމަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. ކޮލަމްބޯ ބަނދަރުގެ ސަރަހައްދުގެ ތެރޭގައި އޮންނަ މި ބޯޓުޔާޑަކީ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ކަނޑު މަގުގައި އޮންނަ، ބޯޓުފަހަރު މަރާމާތު ކުރުމާއި، ލޮޖިސްޓިކްސް އަދި ކަނޑުގެ އެކި ހިދުމަތްތައް ފޯރުކޮށްދޭ ސްޓްރެޓެޖިކް ގޮތުން މުހިންމު މަރުކަޒެކެވެ.
ކޮލޮމްބޯ ޑޮކްޔާޑަކީ 51 އަހަރު ވެފައިވާ ކުންފުންޏެކެވެ. އަދި އެތަނުން އަހަރަކު 200 އާގުބޯޓާއި މަނަވަރާއި އުޅަނދަށް ޚިދުމަތް ދެއެވެ.
ރާއްޖޭގެ ކޯސްޓްގާޑަށްވެސް 1998ގައި މި ޑޮކްޔާޑުން ބޯޓެއް ބަނދެ ދީފައި ވެއެވެ. އަދި ރާއްޖޭގެ ޝިޕިންގ ކުންފުނިންވެސް މިތަނަށް ޒިޔާރަތް ކޮށްފައި ވެއެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހުރި އިގްތިސާދީ ގޮތުން ހާލުގައި ޖެހޭ ތަންތަނަށް އިންވެސްޓް ކުރާނެ ފަރާތްތައް އެގައުމުތަކުން ހޯދައެވެ. އެފަދަ މުއާމަލާތްތަކުގައި ގިނަ ފަހަރަށް ސްޓްރެޓެޖިކް ތަންތަން ވިއްކާލައެވެ. އަދި އޭގެ ސިޔާދަތީ އަގު އިހުސާސް ކުރެވެނީ ފަހުންނެވެ. މިފަދަ ކަންކަން ދިމާވަނީ ބޮޑެތި ލޯނުތައް ނަގައިގެން އެ ލޯނުތައް ނު ދެއްކުމުންނެވެ. މީގެ ކުރިން މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ބޮޑެތި ލޯނުތައް ދީ އިންވެސްޓްމަންޓްތައް ޗައިނާއިން ކޮށްފައި ވެއެވެ. ނަމަވެސް، މިހާރު ސްރީލަންކާއިން ދަނީ އެ ގައުމުގެ އިންވެސްޓްމަންޓްތައް އެކި ގައުމުތަކަށް ބަހާލައި ސިންދަފާތު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެމްޑީއެލް އަކީ ސިފައިންނަށް ބޭނުންވާ ހަނގުރާމަ މަތީ އުޅަނދުތައް ބަނދެ، މަރާމާތުކޮށްދޭ މައި ކުންފުންޏެވެ. އެހެންކަމުން، މި ކުންފުނިން ކޮލަމްބޯ ޑޮކްޔާޑާ ހަވާލުވުމަކީ އިންޑިއާ އާއި ސްރީލަންކާގެ މެދުގައި ކަނޑުގެ އުފެއްދުމާ ގުޅޭ ސިނާއަތާއި، ގުޅުންތަކާއި، އަދި ސަރަހައްދީ ސަޕްލައި ޗެއިން ވަރުގަދަ ކުރުމަށް ކުރެވޭ ކަމެއް ކަމަށް ބެލެވެއެވެ.
އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ސްރީލަންކާއިން، މިހާރު ވަނީ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް ދައުޔލަތުގެ ކުންފުނިތައް ވިއްކަން ފަށާފައެވެ. ކޮޅުނބުން މީގެ ކުރިންވެސް މިފަދަ ކަންކަން ކޮށްފައި ވެއެވެ.




