ޖައްމޫ އެންޑް ކަޝްމީރުގެ ޕަހަލްގާމަށް ދިން ޓެރަރިސްޓް ހަމަލާއަށް އަހަރެއް ފުރޭއިރު، އެ ހާދިސާއަކީ އިންޑިއާގެ ކައުންޓަރ ޓެރަރިޒަމް އަދި ސްޓްރެޓެޖިކް ސިޔާސަތަށް ބޮޑު ބަދަލެއް އައިކަން ފާހަގަކޮށްލެވޭ ހާދިސާއެއް ކަމަށް ހަނގުރާމަތަކާ ބެހޭ މާހިރު ޖޯން ސްޕެންސަރގެ ތަހުލީލެއްގައި ވިދާޅުވެއެވެ. މިދިޔަ އަހަރުގެ 22 އޭޕްރީލް ގައި ދިން މި ހަމަލާގައި އާންމުންގެ 26 އާންމުން މަރުވެފައި ވެއެވެ.
މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ 'ދަ ރެސިސްޓެންސް ފްރަންޓް' (ޓީ.އާރު.އެފް) އިންނެވެ. ސްޕެންސަރ ފާހަގަކުރެއްވި ގޮތުގައި މިއީ ޕާކިސްތާނުގައި ހަރަކާތްތެރިވާ އަދި އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ 'ލަޝްކަރޭ ތައިބާ' އަށް ނިސްބަތްވާ ޖަމާއަތެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމަށްޓަކައި، ޕްރޮކްސީން މެދުވެރިކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ.
ސްޕެންސަރގެ ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހަމަލާއަށް އިންޑިއާއިން ދިން ރައްދަކީ އިންޑިއާގެ ކައުންޓަރ ޓެރަރިޒަމަށް އައި ވަރަށް ބޮޑު ސްތްރެޓެޖިކް ބަދަލެކެވެ. އެ ހަމަލައަށް ރައްދެއްގެ ގޮތުން އިންޑިއާއިން ވަނީ ޑިޕްލޮމެޓިކް ގޮތުން އިންޑަސް ކޯރުގެ ފެނާ ބެހޭ މުއާހަދާގެ ބައެއް މާއްދާތަކަށް އަމަލުކުރުން ހުއްޓާލުމުގެ އިތުރުން، 'އޮޕަރޭޝަން ސިންދޫރު' ގެ ނަމުގައި ޕާކިސްތާނާއި ޕާކިސްތާނުގެ ދަށުގައި އޮންނަ ކަޝްމީރުގެ ނުވަ ސަރަހައްދަކަށް ވައިގެ މަގުން ހަމަލަ ދީފައެވެ. މީގެ ރައްދުގައި ޕާކިސްތާނުން ވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ހަމަލާދީ، ހަތަރު ދުވަހުގެ ހަނގުރާމައެއް ކޮށްފައި ވެއެވެ. ފަހުން އެމެރިކާ މެދުވެރިވެގެން ދެ ގައުމުން ވަނީ ހަމަލަތައ ްބަދަލު ކުރުން ހުއްޓާލާފައެވެ.
ސްޕެންސަރ ވަނީ 2016 ވަނަ އަހަރު ދިން އޫރީގެ ހަމަލާއާއި އަދި 2019 ވަނަ އަހަރު ދިން ޕުލްވާމާގެ ހަމަލާއަށްފަހު އިންޑިއާއިން ދިން ރައްދުތަކަށްވުރެ އޮޕަރޭޝަން ސިންދުރުގެ ރައްދު މާ ވަރުގަދަ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ "ލެޔާއި ފެނަކީ އެކުގައި ދެމޭނެ އެއްޗެއް ނޫން" ކަމަށް ވިދާޅުވެ، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިންޑިއާ ޕާކިސްތާންގެ ދެމެދުގައިވާ އެހެނިހެން އެއްބަސްވުންތަކާ ގުޅުވާލައްވާފައެވެ.
އިންޑިއާއިން މި ހަމަލައަށް ފަހު ވަރުގަދަ އަސްކަރީ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ބޯޑަރު ހުރަސްކޮށް ހަރަކާތްތެރިވާ ޓެރަރިސްޓް ނެޓްވޯކްތައް އަދިވެސް ހަރަކާތްތެރިވަމުންދާކަން ސްޕެންސަރގެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން ނޮވެމްބަރު 2025 ގައި ދިއްލީގެ ރެޑް ފޯޓް ކައިރިން ކާރު ބޮމެއް ގޮއްވާލަން އުޅުނު ހާދިސާއާއި، އެނޫންވެސް ހަމަލާތަކުން އެނގެނީ ޓެރަރިޒަމްގެ ނުރައްކާ އަދިވެސް އޮތް ކަމެވެ.
ސްޕެންސަރ ވިދާޅުވީ، ޕަހަލްގާމްގެ ހަމަލާ ފަދަ ހަމަލާތަކުން ހަނދާންކުރަންޖެހެނީ ހަމައެކަނި ލިބުނު ގެއްލުންތަކުގެ ވާހަކަ ނޫން ކަމަށާއި، އެ ހަމަލާގެ ފަހަތުގައިވާ ރޭވުންތަކާއި އިންޑިއާގެ ސަލާމަތީ ސިޔާސަތަށް އައިސްފައިވާ ބޮޑު ބަދަލުތައްވެސް ފާހަގަ ކުރަން ޖެހޭނެ ކަމަށެވެ.




