އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ޑިރެކްޓަރު ކާޝް ޕަޓޭލަކީ ވަޒީފާގެ އަޚުލާގަށް ބެލުމެއް ނެތި ބަނގުރާ ބޮއެ އޮފީހަށް ހާޒިރު ނުވާ މީހެއް ކަމަށް ރިޕޯޓު ކުރުމުން ދި އެޓްލާންޓިކް މަޖައްލާއާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފި އެވެ. ޕަޓޭލް ވަނީ އެތްލާންޓިކްއާއި އެނޫހުގެ ރިޕޯޓަރު ސާރާ ފިޓްޒްޕެޓްރިކްއާ ދެކޮޅަށް 250 މިލިއަން ޑޮލަރު ހޯދުމަށް އެދި އަބުރުގެ ދައުވާ އުފުލައިފައެވެ.
ކޯޓަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، "ކާޝް ޕަޓޭލްގެ އާދަޔާ ޚިލާފު އަމަލުތަކުގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލިދާނެ" މި ސުރުޚީގެ ދަށުން ޝާއިއުކުރި ލިޔުމަކީ ނަން ހާމަނުކުރާ މަސްދަރުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ދޮގު މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ. ފަހުން މި ލިޔުމުގެ އޮންލައިން ސުރުޚީ "ދި އެފްބީއައި ޑިރެކްޓަރު އިޒް އެމްއައިއޭ" އަށް ބަދަލުކޮށް އޭނާއަކީ ހޯދާ ނުފެނިފައިވާ މީހެއްކަމަށް ލިޔެފައި ވެއެވެ.
ޕަޓޭލް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، އެ ލިޔުން ޝާއިއުކުރުމުގެ ކުރިން އޭނާ އާއި އެފްބީއައި އިން އެ ތުހުމަތުތައް ދޮގުކުރި ނަމަވެސް، މަޖައްލާއިން އެކަމަށް ފަރުވާލެއް ނުބަހައްޓައި އެ ޚަބަރު ފެތުރީ ކަމަށެވެ. ރޮއިޓާސްއަށް ދެއްވި ބަޔާނެއްގައި ޕަޓޭލް ވިދާޅުވީ އެ ރިޕޯޓަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށާއި، އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން އެނގި ތިބެ ފެތުރި ޚަބަރެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން 'ދި އެޓްލާންޓިކް' އިން ބުނެފައިވަނީ އެ މަޖައްލާގެ ލިޔުމަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށާއި، ކޯޓުގައި މި މައްސަލައިން ދިފާއުވާނެ ކަމަށެވެ. އަދި ޕަޓޭލްގެ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއްގެ ގޮތުގައި އެ މަޖައްލާއިން ވަނީ ސިފަކޮށްފައެވެ.
ޕަޓޭލްގެ ވަކީލުން ތުހުމަތުކުރާ ގޮތުގައި މަޖައްލާއިން ވަނީ 19 ތުހުމަތަކަށް ޖަވާބުދާރީވުމަށް އިތުރު ވަގުތަށް އެދި ފޮނުވި ސިޓީއަށް އިޖާބަ ނުދީ، އަވަސް އަރުވާލައިގެން ލިޔުން ޝާއިއުކޮށްފައެވެ. ރޮއިޓާސްއިން ބުނެފައިވަނީ އެ ލިޔުމުގައިވާ މައުލޫމާތުގެ ސައްހަކަން ނުވަތަ ސުރުޚީ ބަދަލުކުރި ސަބަބު މިހާތަނަށް މިނިވަންކަމާއެކު ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލައަކީ ޓްރަމްޕްގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ބޮޑެތި މީޑިއާ އިދާރާތަކާ ދެމެދު ހިނގަމުންދާ ގާނޫނީ ހަނގުރާމައިގެ ތެރެއިން އިތުރުވި މައްސަލައެކެވެ. މީގެ ކުރިން ހުށަހެޅުނު ބައެއް މައްސަލަތައް ކޯޓުން ބޭރުކޮށްލާފައިވާއިރު، ބައެއް މައްސަލަތަކުގައި ވަނީ ކޯޓުން ބޭރުގައި އެއްބަސްވުންތަކަކަށް އައިސްފައެވެ.






