އެމެރިކާގެ ސައިންސްވެރިންތަކެއް މަރުވުމާއި ގެއްލުމުގެ މައްސަލަ ގައުމީ ނުރައްކަލެއްގެ ގޮތުގައި ބަލަން ފަށައިފި

އެމެރިކާގެ ނިއުކްލިއާ އަދި އެއަރޯސްޕޭސް ރިސާޗް ފަދަ ނާޒުކު ދާއިރާތަކުގައި މަސައްކަތްކުރާ 11 ސައިންސްވެރިއެއްގެ ކުއްލި މަރާއި ގެއްލުމުގެ މައްސަލަތަކެއް ފެންމަތިވެ، އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އެމައްސަލަ ބަލަން ފަށައިފިއެވެ. މި ހާދިސާތަކުގެ ފަހަތުގައި ނުރައްކާތެރި ރޭވުންތަކެއް އޮތުމުގެ ފުރުސަތު ބޮޑުކަމަށް ކަމާބެހޭ އިސް އޮފިޝަލުން މިހާރު ދަނީ ވިދާޅުވަމުންނެވެ.

އެމެރިކާގެ ހައުސް ކޮމިޓީ އޮން އޯވަސައިޓް އެންޑް އެކައުންޓަބިލިޓީގެ ޗެއާމަން ޖޭމްސް ކޯމަރ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިހާ ގިނަ ސައިންސްވެރިންތަކަކަށް މިފަދަ ގޮތްތަކެއް ދިމާވުމަކީ އިއްތިފާގެއް ކަމަށް ބެލުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. "މީގެ ފަހަތުގައި ނުރައްކާތެރި ކަންތައްތަކެއް ހިނގަމުންދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ފެނޭ،" ކޯމަރ ވިދާޅުވިއެވެ. މި މައްސަލަ މިހާރު ވަނީ ކޮންގްރެސްގެ އިސް ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައެވެ.

މި ހާދިސާތަކުގައި ހިމެނޭ ސައިންސްވެރިންނަކީ ނިއުކްލިއާ ރިސާޗް، އެސްޓްރޯފިޒިކްސް އަދި ދިފާއީ ލެބޯޓްރީތަކުގައި މަސައްކަތްކުރާ ފަރާތްތަކެވެ. މި ދާއިރާތަކަކީ ބޭރުގެ ޖާސޫސީ އިދާރާތަކުގެ ފާރަވެރިކަމާއި، ހަމަލާތަކުގެ ނުރައްކާ އިންތިހާއަށް އޮތް ދާއިރާތަކެއް ކަމަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން ގަބޫލުކުރެއެވެ. މނި ސައިންޓިސްޓުންގެ ތެރޭގައި ބަޑިޖަހައި މަރާލާފައިވާ މީހުންނާއި، އަމިއްލައަށް މަރުވި ކަމަށް ބެލެވޭ މީހުންގެ އިތުރުން އެއްވެސް ޚަބަރެއް ނުވެ ގެއްލިފައިވާ މީހުން ހިމެނެއެވެ.

މިކަމުގައި ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކުގެ ތެރޭގައި، 2022 ވަނަ އަހަރު އަލަބާމާގައި އަމިއްލައަށް ބަޑިޖަހައިގެން މަރުވި ކަމަށް ނިންމި އެންޓި-ގްރެވިޓީ ރިސާޗަރު އެމީ ކެތަރިން އެސްކްރިޖްގެ މަރު ހިމެނެއެވެ. މީގެ އިތުރުން، 2026 ވަނަ އަހަރު ނިއު މެކްސިކޯއިން ގެއްލުނު ރިޓަޔަރޑް އެއަރ ފޯސް މޭޖަރ ޖެނެރަލް ނީލް މެކާސްލޭންޑާއި، 2025 ވަނަ އަހަރު ކެލިފޯނިއާގައި ހައިކިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ނާސާގެ ކުރީގެ ސައިންސްވެރިޔާ މޮނިކާ ރޭޒާގެ މައްސަލަވެސް ހިމެނެއެވެ.

އެސްޓްރޯފިޒިސިސްޓް ކާލް ގްރިލްމެއާ 2026 ވަނަ އަހަރު އޭނާގެ ގޭގެ ބޭރުގައި ހުއްޓައި ބަޑިޖަހައި މަރާލާފައިވާއިރު، ނިއުކްލިއާ ފިއުޝަން ރިސާޗަރު ނޫނޯ ލޮރޭރޯ 2025 ވަނަ އަހަރު މަރާލާފައި ވަނީ ބޮސްޓަންގައި ބަޑިޖަހައިގެންނެވެ. މި ހުރިހާ ހާދިސާތަކެއްގެ ފަހަތުގައި ބޭރުގެ ދުޝްމަން ޖާސޫސީ އިދާރާތަކެއްގެ އަތެއް ވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހުރިހާ މަރުތަކާއި ގެއްލުމުގެ މައްސަލަތަކާ ދެމެދު އެއްވެސް ގުޅުމެއް އޮތްތޯ ބަލައި، މިއީ އެމެރިކާގެ ސައިންޓިފިކް މުޖުތަމައުއަށް އަމާޒުކޮށްގެން ދެވޭ ނުރައްކާތެރި ހަމަލާތަކެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ހިއްސާ ކުރައްވާ!