ފަހަލްގާމަށް މިދިޔަ އަހަރު ދިން ހަމަލާއަކީ ޕާކިސްތާނާ ގުޅުންހުރި، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ދިގު ސިލްސިލާއެއްގެ ބައެއް ކަމަށް އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އިން އަހަރީ މުނާސަބާއާ ދިމާކޮށް ބުނެފިއެވެ. މި މައްސަލައިގައި އެ އިދާރާއިން 15 ޑިސެމްބަރު 2025 ގައި ކޯޓަށް ހުށަހެޅި 1,597 ސަފުހާގެ ޗާޖުޝީޓުގައި، 25 ފަތުރުވެރިންނާއި އާންމު ރައްޔިތަކު މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
މި ޗާޖުޝީޓުގައި ބުނެފައިވާ ގޮތުން މި ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ލަޝްކަރޭ ތައިބާ އާއި އެ ޖަމާއަތުގެ ގޮއްފެއް ކަމަށްވާ 'ދަ ރެސިސްޓެންސް ފްރަންޓް' އެވެ. މި ރޭވުމުގެ މުގުލުގައި ހުރީ ޕާކިސްތާނުގެ ހޭންޑްލަރެއް ކަމަށްވާ ސާޖިދު ޖާތު ކަމަށް އެންއައިއޭ އިން ތުހުމަތު ކުރެއެވެ. މީގެ އިތުރުން، ޖުލައި 2025 ގައި ހިންގި 'އޮޕަރޭޝަން މަހާދޭވް' ގައި މަރާލާފައިވާ ފައިސަލް ޖާތު، ހަބީބު ތާހިރު އަދި ހަމްޒާ އަފްޣާނީގެ ނަން ވެސް މި ލިސްޓުގައި ހިމެނެއެވެ. އަދި މި ގްރޫޕަށް ހިޔާވަހިކަން ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ދެ މީހުން ކަމަށްވާ ޕަރުވޭޒް އަހުމަދާއި ބަޝީރު އަހުމަދު ޖޯތާދުގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައެވެ.
އެންއައިއޭ އިން ބުނާ ގޮތުގައި މި ހަމަލާގެ ރޭވުން ރާވާފައިވަނީ ޕާކިސްތާނުގައެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ހަތިޔާރުގެ ގާނޫނު އަދި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުންނެވެ. އެ އިދާރާއިން ބުނީ މި މީހުން މަސައްކަތް ކޮށްފައިވަނީ "އިންޑިއާއާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުމަށް" ކަމަށާއި، އަވަށްޓެރި ޕާކިސްތާނުން މެދުކެނޑުމެއްނެތި މިމީހުންނަށް ވާގިވެރިވަމުންދާ ކަމަށެވެ.
މި ހަމަލާގެ މަގްސަދަކީ ބިރުވެރިކަން އުފެއްދުމާއި، ފަތުރުވެރިކަން ހަލާކުކޮށްލުމުގެ އިތުރުން ދީނީ އެއްބައިވަންތަކަން ގެއްލުވާލުން ކަމަށް އެންއައިއޭ އިން ބުނެއެވެ. މިއީ މީގެ ކުރިން ވެސް ހިންގާފައިވާ ހަމަލާތަކާ އެއްގޮތް ކުރެވިފައިވާ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ޓެރަރިސްޓުން މުއާމަލާތް ކުރުމަށް ބޭނުންކޮށްފައިވަނީ އެންކްރިޕްޓް ކޮށްފައިވާ ވަސީލަތްތަކެއް ކަމަށާއި، އެމީހުންނަށް ބޭނުންވާ އިރުޝާދާއި ފައިސާ އަދި އެހެނިހެން އެހީތެރިކަން ލިބިފައިވަނީ ސީދާ ޕާކިސްތާނުން ކަމަށް ޗާޖުޝީޓުގައިވެއެވެ. މި ނެޓްވޯކް ހިންގާފައިވަނީ ވަރަށް ބޮޑަށް އިންތިޒާމު ކުރެވިފައިވާ ކޮމާންޑް ސްޓްރަކްޗަރެއްގެ ދަށުންނެވެ.
އެންއައިއޭ އިން ބުނީ ފަހަލްގާމް ހަމަލާއަކީ ވަކި ހާދިސާއެއް ނޫން ކަމަށާއި، މިއީ ޖައްމޫ އެންޑް ކަޝްމީރު ސުލްހައާ ދެކޮޅަށް ހިންގާ ބޮޑު ޕްރޮކްސީ ހަނގުރާމައެއްގެ ބައެއް ކަމަށެވެ.



