ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ޕަހަލްގާމްގައި ކިއުއާރް ކޯޑް ބޭނުންކުރަން ފަށައިފި

މިދިޔަ އަހަރުގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު، ކަޝްމީރުގެ ޕަހަލްގާމްގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި ފަތުރުވެރިކަން ރެގިއުލޭޓް ކުރުމަށްޓަކައި ކިއުއާރް ކޯޑް ބޭނުންކޮށްގެން މީހުން ކަށަވަރުކުރާ ނިޒާމެއް ތައާރަފްކޮށްފިއެވެ. މި ނިޒާމުގެ ސަބަބުން ފަތުރުވެރިންނާއި، ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ލޯކަލް ވިޔަފާރިތަކުގެ މައުލޫމާތު ވަގުތުން ޑިޖިޓަލްކޮށް ކަށަވަރުކުރެވޭނެއެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި އިސްނެގުމުގެ މައިގަނޑު މަގްސަދަކީ ހުއްދަނެތި ހިންގާ ހަރަކާތްތައް ހުއްޓުވުމާއި، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އިތުބާރު އަލުން ހޯދުމެވެ. މި ނިޒާމުގެ ދަށުން އަސް ދުއްވާ މީހުންނާއި، ޓެކްސީ ޑްރައިވަރުންނާއި، ގައިޑުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ޚާއްސަ ކިއުއާރް ކޯޑެއް ދޫކުރެވޭނެއެވެ.

ފުލުހުންނަށް މި ކޯޑް ސްކޭންކޮށްގެން އެމީހެއްގެ އައިޑެންޓިޓީ ވަގުތުން ކަށަވަރުކުރެވޭނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. މީގެ ސަބަބުން ޒިންމާދާރުކަން އިތުރުވެ، ނާޒުކު ސަރަހައްދުތައް މެދުނުކެނޑި މީހުންގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް ފަސޭހަވެގެންދާނެއެވެ.

މި އައު ނިޒާމަށް އެ ސަރަހައްދުގެ ލޯކަލް ޓުއާ އޮޕަރޭޓަރުން ވަނީ މަރުހަބާ ކިޔާފައެވެ. މި ނިޒާމުގެ ސަބަބުން ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކަށް ފަތުރުވރިންނަށް ޚިދުމަތް ދިނުމަށް ބާޒާރަށް ވަނުމަށް ހުރަސް އެޅޭނެއެވެ. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގައި މަސައްކަތް ކުރަނީ ރަޖިސްޓްރީވެފައިވާ ރަށްވެހިންކަން ކަށަވަރުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. ހުއްދަނެތި ބޭރުން އަންނަ މީހުން މަސައްކަތް ކުރުން ހުއްޓުވުމަކީ ކަޝްމީރު މީހުންގެ އާމްދަނީ ރައްކާތެރިކޮށްދޭނެ ކަމެއް ކަމަށް ބުނެފައެވެ.

ޕަހަލ؛ްގަމް ހަމަލާއަށްފަހު ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވެއެވެ. މީގެ ސަބަބުން އާމްދަނީ ދަށްވެ، ބައިސަރަން އަދި ޗަންދަންވާރީ ފަދަ މުހިންމު މަންޒިލްތައް އަދިވެސް އޮތީ ބަންދުކޮށްފައެވެ. ފަތުރުވެރިކަން އަލުން ދިރުވުމަށްޓަކައި އެ ތަންތަން ހުޅުވައިދިނުމަށް އޮޕަރޭޓަރުން ވަނީ ސަރުކާރުގައި އެދިފައެވެ. އޮޕަރޭޓަރުން އިތުރަށް ބުނި ގޮތުގައި، ސަލާމަތީ ފިޔަވަޅުތަކާއެކު ފަތުރުވެރިން އަންނަ މިންވަރު އާންމު ހާލަތަކަށް ގެނައުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ.

ހިއްސާ ކުރައްވާ!