ޕާކިސްތާނުގެ ސަރުކާރުން އެއް ދުވަސް ތެރޭގައި އަފްޣާނިސްތާނުގެ 5،450 ރައްޔިތުން އެ ގައުމުން ބޭރުކޮށްލާފައިވާ ކަމަށް ތާލިބާނުންގެ ރެފިއުޖީންނާ ބެހޭ ކޮމިޝަނުން ހާމަކޮށްފިއެވެ. ހަމަ އެ ދުވަހު އީރާނުން ވެސް 352 އަފްޣާނު މީހުން ބޭރުކޮށްލާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މިގޮތަށް ބޭރުކޮށްލެވުނު މީހުން އަފްޣާނިސްތާނަށް އެތެރެވެފައިވަނީ ތޯރްޚާމް، ސްޕިން ބޯލްޑަކް، އިސްލާމް ގަލާ އަދި ޕުލޭ އަބްރިޝަމް ބޯޑަރު ހުރަސްތައް މެދުވެރިކޮށެވެ. ފާއިތުވި ހަފްތާތަކުގައި ސަލާމަތީ ސަބަބުތަކާ ހެދި ޕާކިސްތާނުން މީހުން ބޭރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އިސްލާމްއާބާދާއި ތާލިބާނުންނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، ދެ ގައުމުގެ ބޯޑަރުތައް އާންމު ދަތުރުފަތުރަށް ބަންދުކޮށްފައި އޮންނަތާ 6 މަސް ދުވަސް ވެފައިވާއިރު، މިހާރު ބޯޑަރުތައް ހުޅުވާފައިވަނީ ހަމައެކަނި އެނބުރި އަންނަ ރެފިއުޖީންނަށް އެތެރެވުމަށެވެ.
އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް 5.4 މިލިއަނަށްވުރެ ގިނަ އަފްޣާނުން ވަނީ ޕާކިސްތާނާއި އީރާނުން އެނބުރި ގައުމަށް ގޮސްފައެވެ. މީގެ ތެރެއިން 2.9 މިލިއަން މީހުން 2025 ވަނަ އަހަރު އެނބުރި ގޮސްފައިވާއިރު، 2026 ވަނަ އަހަރުގެ މިހާތަނަށް 150،000 އެއްހާ މީހުން ވަނީ ގައުމަށް އެނބުރިފައެވެ. އިންސާނީ އެހީ ފޯރުކޮށްދޭ އިދާރާތަކުން އިންޒާރު ދޭ ގޮތުގައި، މިހާ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ އެނބުރި އައުމަކީ އަފްޣާނިސްތާނުގެ މަދު ވަސީލަތްތަކަށް ނުކަތާނެ ކަމެކެވެ.
މިމީހުން ބޭރުކޮށްލުން ދިމާވެފައިވަނީ ޕާކިސްތާނާއި ތާލިބާނުންނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު ޕާކިސްތާނުން ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ވިޔަފާރިއަށާއި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. އަދި އީރާނުގައި ތިބި އަފްޣާން ރެފިއުޖީންނަށް ވެސް ސަރަހައްދީ ނުތަނަވަސްކަމުގެ ތެރޭގައި ނުރައްކާ ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަފްޣާނިސްތާނުގެ އިންސާނީ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި މިއަހަރު 22 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން އެހީއަށް ބޭނުންވެއެވެ. މީގެ ތެރޭގައި ކާނާ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ 4 މިލިއަން ކުޑަކުދިން ހިމެނެއެވެ. ގިނަ އަހަރުތަކެއް ވަންދެން ބޭރު ގައުމުތަކުގައި ދިރިއުޅުމަށްފަހު އެނބުރި އަންނަ މީހުންނަށް އިގްތިސާދީ ދަތިތަކާއި، ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ބަންދުވެފައިވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.





