ސްރީލަންކާގެ ޓްރިންކޮމަލީގައި ސަރަހައްދީ ހަކަތައިގެ މަރުކަޒެއް އެނާޖީ ހަބްއެއް ގާއިމުކުރުމަށް ހުށަހަޅާފައިވާ މަޝްރޫއުގެ މަސައްކަތްތައް ލަސްނުކޮށް އަވަހަށް ކުރިއަށް ގެންދިއުމަށް އިންޑިއާއިން އެދެފިއެވެ. މިކަމަށް އެދިފައިވަނީ ކޮލަމްބޯގައި ބޭއްވި ދެ ގައުމުގެ މެދުގައި ބޭއްވުނު މަތީ ފަންތީގެ މަޝްވަރާތަކުގައެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކައާ ބައްދަލުކުރައްވައި މި މަޝްރޫއު ކުރިއަށް ގެންދިުއމަށް އެދިވަޑައިގެންފައި ވެއެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ނައިބު ރައީސް ސީ.ޕީ. ރާދާކްރިޝްނަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޓްރިންކޮމަލީ ތެޔޮ މަރުކަޒަކީ އިންޑިއާ، ސްރީލަންކާ އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގުޅިގެން ހިންގާ ސްޓްރެޓީޖިކް މަޝްރޫއެކެވެ. ދެ އަހަރު ދުވަހުގެ މަޝްވަރާތަކަށްފަހު މި ތިން ގައުމުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާ އާއި ސްރީލަންކާއާ ދެމެދު ތެޔޮ ހޮޅި އެޅުމާއި، ޓްރިންކޮމަލީގެ ތެޔޮ ރައްކާކުރާ ނިޒާމު ތަރައްގީކުރުން ހިމެނެއެވެ.
ވިކްރަމް މިސްރީ ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުގެ މި ދަނޑިވަޅުގައި، މިފަދަ މަރުކަޒެއް ހުރިނަމަ އޭގެ ފައިދާ ވަރަށް ބޮޑަށް ކުރީސް ކަމަށެވެ. ސްރީލަންކާއަކީ ބޭނުންވާ ހުރިހާ ތެލާއި ކޯލާ ދެލި އެތެރެކުރާ ގައުމަކަށްވާއިރު، މެދުއަިރުމަތީ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން އެ ގައުމުގެ ކަރަންޓާއި ތެލުގެ އަގުތައް ވަނީ ބޮޑުވެފައެވެ.
ޓްރިންކޮމަލީގައި އިނގިރޭސިންގެ އިސްތިއުމާރީ ދުވަސްވަރު ބިނާކޮށްފައިވާ 99 ތެޔޮ ޓޭންކުގެ ނިޒާމެއް ހުރި ނަމަވެސް، މިހާރު ބޭނުންކުރެވެނީ އިންޑިއާގެ ތެޔޮ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެންމެ 14 ޓޭންކެވެ. އިންޑިއާ އާއި ސްރީލަންކާއިން ދަނީ މި ސަރަހައްދުގައި ތެޔޮ ސާފުކުރާ ކާރުޚާނާއަކާއި، ބޯޑަރު ހުރަސްކޮށް ކަރަންޓު ފޯރުކޮށްދޭ ކަރަންޓު ލައިނެއް ގާއިމުކުރުމަށް ވެސް މަޝްވަރާ ކުރަމުންނެވެ.
އިންޑިއާގެ އޮފިޝަލުން ވިދާޅުވީ މި މަޝްރޫއަކީ ސަރަހައްދީ ހަކަތައިގެ ރައްކާތެރިކަމަށާއި ދިގު މުއްދަތުގެ އިގްތިސާދީ އެއްބާރުލުމަށް ކޮންމެހެން މުހިންމު މަޝްރޫއެއް ކަމަށެވެ. ސްރީލަންކާ ސަރުކާރުން ވެސް ވަނީ މަޑުޖެހިފައިވާ ސްޓްރެޓީޖިކް މަޝްރޫއުތައް އަވަސްކުރުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.




