ބަންގްލަދޭޝްގައި 2024 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވެމުންދާއިރު، އެ ގައުމުގެ ނޫސްވެރިކަމުގެ ދާއިރާ ހަނުއޮތް ކަމަށް ބުނެ 'ދަ އޭޝިއަން އޭޖް' ގައި ޝާއިއުކުރި ރިޕޯޓެއްގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، މީޑިއާއިން ހަނުހުރުމުގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަން ހީނަރުވެ، ޑިމޮކްރެޓިކް ޒިންމާދާރުކުރުވުމުގެ ނިޒާމަށް ބުރޫއަރައެވެ.
ބަންގްލަދޭޝްގެ ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން އަޅާފައިވާ ހުރަސްތަކާއި، ހާއްސަކޮށް އަވާމީ ލީގުގެ ހަރަކާތްތައް މަނާކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފައިވެއެވެ. އެފަދަ ބޮޑު ސިޔާސީ ޕާޓީއެއް މަނާކުރުމަކީ ގައުމުގެ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަށް އަސަރުކުރާނެ ކަމެއް ކަމަށާއި، މިއީ އެއްވެ އުޅުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށްދޭ ގާނޫނުއަސާސީގެ 37 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ނޫސްތަކުން ކަންކަން ރިޕޯޓު ކުރުމުގެ ބަދަލުގައި، ރައްކާތެރިވުމުގެ ގޮތުން ކަންކަން ރިޕޯޓްކުރުމަށް އިސްކަންދޭތީ އެކަމަށް ރިޕޯޓުގައި ވަނީ ފާޑުކިޔާފައެވެ. "މިގޮތަށް ކަންކަމާ ކުރިމަތިލާން ފަސްޖެހުމަކީ ބޭއިންސާފު އާންމުވުމަށް މަގުފަހިވާ ކަމެއް،" ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ނޫސްވެރިކަމަކީ ބާރުތައް ޒިންމާދާރުކުރުވައި، އާންމު މަސްލަހަތު ހިމާޔަތްކުރާ ފާރަވެރިއަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ފިކުރުކުރުމާއި، ބަސްބުނުމުގެ މިނިވަންކަމަކީ ހާއްސަކޮށް ސިޔާސީ ނުތަނަވަސްކަމުގެ ވަގުތުތަކުގައި ދިފާއުކުރަންޖެހޭ ހައްގުތަކެއް ކަމަށް އެ ރިޕޯޓުގައި ވެއެވެ. މީޑިއާގެ ހަނުހުރުމުގެ ސަބަބުން އާންމުންނަށް ކަންކަން އޮޅި، ދެފުށް ފެންނަ މިންވަރު ކުޑަވާކަން ލިޔުންތެރިޔާ ފާހަގަކުރެއެވެ.
ނޫސްތަކުން ސިޔާސީ ނުފޫޒުން އެއްކިބާވެ، ހަގީގީ މައުލޫމާތު ފެތުރުމަށާއި އުނދަގޫ ސުވާލުތައް ކުރިމަތިކުރުމަށް ލިޔުމުގައި ވަނީ ގޮވާލާފައެވެ. ބަންގްލަދޭޝް މިހާރު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި، ގައުމުގެ ޑިމޮކްރެޓިކް ބިންގާ ވަރުގަދަވާނީ ގާނޫނުއަސާސީއަށް ބޯލަނބައި، މިނިވަން ޝަރުއީ ނިޒާމެއް އޮވެގެން ކަމަށް ބުނެފައިވެއެވެ.
މ ި ރިޕޯޓުގައި ބުނެފައިވަނީ، ސިޔާސީ ގޮތުން ބައެއް ފަރާތްތައް ބާކީކުރުމަކީ ދާއިމީ ހަމަޖެހުމެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ.




