ބައިނަލްއަގުވާމީ ނޫސްތަކުން ފާހަގަކޮށްފައިވާ ދުނިޔޭގެ ތަފާތު ދެ ދާއިރާއެއް ފާހަގަ ކޮށްލެވެއެވެ:
ލަންޑަނުގެ ނޫސްތަކުން ފާހަގަ ވަނީ، އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ވޮޝިންޓަނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ތަހުލީލެކެވެ.
ނިއުޔޯކުން، އެހެން ގައުމުތަކަށްވުރެ ބޮޑަށް އިސްރާއީލުގެ ކިބައިން އެމެރިކާ މީހުން މަތީ މިންގަނޑުތަކަކަށް އުންމީދުކުރާ ސަބަބާ ބެހޭ ބަހުސެއް ވެސް ކޮށްފައި ވެއެވެ.
ލަންޑަންގެ ދަ ގާޑިއަން ނޫހުން ބުނަނީ "ވޮޝިންޓަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ… ދޫދޭންޖެހޭ އެއްވެސް ސަބަބެއް އީރާނަކަށް ނުފެނޭ"
އެމެރިކާ-އީރާން ގުޅުންތަކާ ބެހޭ މާހިރު ސީނާ ތޫސީ ލިޔުއްވާފައިވާ މަޒުމޫނެއްގައި ބަޔާންކޮށްފައިވަނީ، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާއަށް ދީލާލަން ޖެހޭ އެއްވެސް ސަބަބެއް އީރާނަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ލިޔުންތެރިޔާ ވިދާޅުވާ ގޮތުގައި، އީރާނުގެ ވަފުދު ދަތުރުކުރި ބޯޓަށް "މީނާބް 168″ ގެ ނަން ދިނުމަކީ އަނިޔާލިބިފައިވާ ކަމުގެ އިހުސާސާއި އިރާންގެ ސާބިތުކަން ދައްކުވައިދޭ ކަމެކެވެ. އަދި މިއީ މަޝްވަރާތަކަކީ ހަނގުރާމައިގެ ބަދަލުގައި ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ހަނގުރާމައަށް އިތުރު ކަމެއްގެ ގޮތުގައި ތެހެރާނުން ދެކޭކަމުގެ ހެއްކެއް ކަން ފާހަގަ ކޮށްފައި ވެއެވެ.
މި މަޒުމޫނުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:
- – އީރާނުން މަޝްވަރާ ކުރަނީ ބަލިވެފައިވާ ނިކަމެތި ހާލަތެއްގައެއް ނޫން ކަމެވެ؛ އީރާނުން ގަބޫލުކުރާ ގޮތުގައި އެމީހުން ބަލި ނުވެ ހަނގުރާމައިގައި ސާބިތުވެ ތިބެވިއްޖެއެވެ.
- – ނިއުކްލިއާ، އަސްކަރީ އަދި ސަރަހައްދީ ގާބިލުކަމަކީ މަޝްވަރާ ނުކުރެވޭނެ އީރާނުގެ ސަލާމަތާ ގުޅިފަިއވާ ސަލާމަތީ ތަނބުތަކެއް ކަމަށް އީރާނުން ދެކެއެވެ.
- – އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް އީރާނުން ދެކޭއިރު، ބާރުވެރިކަމުގެ ވަސީލަތްތައް ދޫކޮށްލުމަކީ އެގައުމު މާ ބޮޑު ނުރައްކަލަކަށް ހުޅުވޭ ދޮރެއް ކަމަށް ވެސް ތެހެރާނުން ދެކެއެވެ.
- – މަޝްވަރާތަކުގެ ފުރަތަމަ ބުރު ނާކާމިޔާބުވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ބަސްފުޅު ކަމަށްވާ، "އަހަރެން ބޭނުމީ 90% ނުވަތަ 95% އެއް ނޫން… އަހަރެން ބޭނުމީ ހުރިހާ އެއްޗެއް" ފަދަ ބޮޑު ވާހަތަކުގެ ސަބަބުން އެމެރިކާއަކީ މެދު މިންގަނޑެއްގެ ހައްލަކަށް ތައްޔާރަށް އޮތް ގައުމެއް ނޫންކަން ތެހެރާނަށް ކަށަވަރު ވެގެން ގޮސްފައި ވެއެވެ.
- – އީރާނ ްގެ ގާނޫނު ހަދާ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފްގެ މުޝީރު ވިދާޅުވި ގޮތުގައި، މަޝްވަރާގެ ފުރަތަމަ ބުރަކީ "ވަޒަންކޮށްލުމުގެ ބުރެއް، އަދި އެއީ، މަޝްވަރާގެ ބުރެއް ނޫން" ކަމަށެވެ. އަދި އެމެރިކާގެ މަޝްވަރާ ކުރާ ފަރާތްތަކުގެ ކިބަިއގައި ހައްލަކަށް ވާސިލުވުމަށް ސާފު އަމާޒުތަކެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޒުމޫނު ނިންމާލަމުން ސީނާ ތޫސީ ބުނެފައިވަނީ، ހަކަތައިގެ ބާޒާރުގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން، އާ ކުރިމަތިލުމެއް ހިނގައިފިނަމަ އެކަމުގެ އަގު މުޅި ދުނިޔެއަށް ބޮޑުވާނެ ކަމަށެވެ. އަދި އީރާނުގެ މައިގަނޑު އަމާޒަކީ ގަލްފުގެ ހަމަޖެހުމާއި ދުނިޔޭގެ އިގްތިސާދުގައި އެ ގައުމަކީ ބާކީކޮށް ނުލެވޭނެ ބައެއްކަން ސާބިތުކޮށްދީ، އެކަހެރިކަމުން ދާއިމީ ގޮތަކަށް ސަލާމަތްވުން ކަމަށެވެ.
ނިއުޔޯކް ޓައިމްސް: "އެމެރިކާ މީހުން އިސްރާއީލުގެ ކިބައިން މަތީ މިންގަނޑުތަކަކަށް އެދޭ ސަބަބެއް އެބައޮތް"
މި މައުޟޫއުގައި ލިޔުންތެރިޔާ ރޮސް ޑައުތަޓް އޭނާގެ މަޒުމޫނުގައި ބަޔާންކުރައްވަނީ، އިސްރާއީލާ މެދު އެމެރިކާގެ އާންމު ރައްޔިތުންގެ ވިސްނުމަށް ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި މި ފަހުގެ ހަނގުރާމައިގެ ސަބަބުން، ޚާއްޞަކޮށް ޑިމޮކްރެޓުންނާއި ޒުވާން ރިޕަބްލިކަނުންގެ މެދުގައި އިސްރާއީލާ މެދު ދެކޭ ގޮތަށް ވަނީ އަވަސް ބަދަލުތަކެއް އައިސްފައެވެ.
ލިޔުންތެރިޔާ ފާހަގަކުރައްވާ މުހިންމު ނުކުތާތަކަކީ:
- – އިސްރާއީލަށް އަމާޒުވާ ފާޑުކިޔުންތައް މިހާރު އެމެރިކާގައި ވަނީ މާ ބޮޑަށް ހަރުކަށިވެފައެވެ. މީގެ ތެރޭގައި ޒަޔަނިޒަމާ ދެކޮޅުވުމާއި ޔަހޫދީން ތަން ފަސާދަކުރުމަށް ރާވާ ތަފާތު ރޭވުންތަކުގެ ތިއަރީތައް ހިމެނެއެވެ.
- – ވާތުފިޔައިގެ މީހުން އިސްރާއީލުގެ ދީނީ ގައުމީ ފިކުރާ ދެކޮޅު ހަދާއިރު، ކަނާތުފިޔައިގެ "އެމެރިކާ ފަސްޓް" ފިކުރުގެ ސަބަބުން އިސްރާއީލަށް ސަޕޯޓު ކުރާ ޚާއްޞަ ޖަމާއަތްތަކަށް އޮންނަ ތާއީދު ވަނީ ކުޑަވެފައެވެ.
- – ލިޔުންތެރިޔާ ދެކޭގޮތުގައި ޔަހޫދީންނަށް ނަފުރަތުކުރުމަކީ ތަފާތު ސިޔާސީ ފިކުރުތަކުގެ ތެރެއިން މިހާރު އަށް އަށަގަންނަމުންދާ ޚާއްޞަ ކަމެކެވެ.
- – ނަމަވެސް، އިސްރާއީލަށް މިހާ ބޮޑު ސަމާލުކަމެއް ލިބެނީ ހަމައެކަނި މީހުންގެ މެދުގެ ދެކޮޅުވެރިކަމުގެ ސަބަބުން ނޫން ކަމަށާއި، އޭގެ ފަހަތުގައި ސަގާފީ އަދި ތާރީޚީ ސަބަބެއް އޮތް ކަމަށް އޭނާ ވިދާޅުވެއެވެ:
ސައުދީ އަރަބިއްޔާ ނުވަތަ ޕާކިސްތާނު ފަދަ އެހެން ބައިވެރި ގައުމުތަކާ ޚިލާފަށް، ޔަހޫދީންގެ ތާރީޚާއި، ހޮލޮކޯސްޓް އަދި އިސްރާއީލު އުފެދުމަކީ ހުޅަނގާއި އެމެރިކާގެ އަމިއްލަވަންތަކަމުގެ ބައެއް ކަމަށް ލިޔުންތެރިޔާ ދެކެއެވެ.
- – އެހެންކަމުން، އެމެރިކާ މީހުން އިސްރާއީލާ މެދު ދެކެނީ އެމީހުންގެ އަމިއްލަ ޒިންމާއެއް އެ ދައުލަތް ދެމެހެއްޓުމުގައި އޮތް ބައެއްގެ ގޮތުގައެވެ. މީގެ ސަބަބުން އެހެން ގައުމުތަކަށްވުރެ ބޮޑަށް އަޚުލާގީ ގޮތުން އިސްރާއީލު ޖަވާބުދާރީކުރުވުން އެމެރިކާ މީހުންގެ މެދުގައި އިތުރުވެއެވެ.
ލިޔުންތެރިޔާ އިންޒާރު ދެއްވާ ގޮތުގައި އެމެރިކާއިން އިސްރާއީލާއެކު ބާއްވާ ގާތްކަމަކީ ކުރިމަގުގައި އެމެރިކާއަށް ސިޔާސީ ބުރައަކަށް ވެދާނެއެވެ. ނަމަވެސް މިއީ ހަމައެކަނި މީހުން ޒަޔަނިސްޓުނާ މެދު ގެންގުޅޭ ދެކޮޅުވެރިކަމުގެ ނިޝާނެއް ނޫން ކަމަށާއި، މިއީ މި ގުޅުމުގެ ތަބީއަތެއް ކަމަށް އޭނާ ދެކެއެވެ.





