2026 އިން 2035 އާ ދެމެދު ބަންގްލަދޭޝްއިން ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން އިތުރުވެފައި ވެއެވެ. އަދި، އެ ގައުމުގެ އާމްދަނީއަށާއި ބޭރު ފައިސާގެ ރިޒާވަށް ބޮޑު ޕްރެޝަރެއް މިހާރުގެ ހާލަތުން ކުރިމަތިވާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. ބަނގްލަދޝްގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި 2026 އިން 2030 އާ ދެމެދު އެ ގައުމުން 26 ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި އަނބުރާ ދައްކަން ޖެހެއެވެ. މިއީ އެ ގައުމުގެ ތާރީޚުގައިވެސް ދަރަނި ދައްކަންޖެހޭ ދަރަނީގެ އެންމެ މަތީ މިންވަރެވެ.
ބަންގްލަދޭޝް މިނިވަންވީއްސުރެ މިހާތަނަށް ބޭރުގެ ދަރަނީގެ ގޮތުގައި ދައްކާފައިވަނީ ޖުމްލަ 40 ބިލިއަން ޑޮލަރެވެ. ނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެ އަދަދުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ދައްކަން ޖެހޭނެއެވެ. 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ގައުމުގެ ބޭރުގެ ދަރަނި ހުރީ 77 ބިލިއަން ޑޮލަރުގައެވެ. މިއީ ގައުމީ އާމްދަނީގެ 19 އިންސައްތައެވެ. އައި.އެމް.އެފް އިން ކަނޑައަޅާފައިވާ ނުރައްކާތެރި މިންގަނޑަކީ 18 އިންސައްތަ ކަމަށްވާއިރު، ބަންގްލަދޭޝްގެ ދަރަނި ދެއްކުމުގެ ނިސްބަތް މިހާރު ހުރީ 16.5 އިންސައްތަގައެވެ.
ދަރަނި ދެއްކުމުގެ ބުރަ ކުރިއަށް އޮތް 10 އަހަރު ތެރޭގައި އިތުރަށް ބޮޑުވާނެއެވެ. 2026 އިން 2035 އާ ދެމެދު 51 ބިލިއަން ޑޮލަރު ދައްކަން ޑާކާއަށް ޖެހޭނެ ކަމަށް ބެލެވޭއިރު، 2030 ވަނަ އަހަރު މި އަދަދު އަހަރަކު 5.5 ބިލިއަން ޑޮލަރަށް އަރާނެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު، މިހާރު ހުރި ދަރަނިތައް އެއްކޮށް ދައްކާ ޚަލާސްކުރުމަށް 2063 ވަނަ އަހަރާ ހަމައަށް ވަގުތު ނަގާނެ ކަމަށް ލަފާކުރެވެއެވެ.
މި ހާލަތު މެދުވެރިވުމުގައި ބައިނަލްއަގުވާމީ ގޮންޖެހުންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ޔޫކްރެއިން ހަނގުރާމަ، ކޮވިޑް-19 ޕެންޑެމިކް އަދި އިޒްރޭލް-ފަލަސްތީން ހަނގުރާމައިގެ ސަބަބުން އެކްސްޕޯޓާއި، ބޭރުގެ އިންވެސްޓްމަންޓްތަކާއި، ރެމިޓެންސްގެ ގޮތުގައި ލިބޭ ފައިސާ މަދުވުން ހިމެނެއެވެ. މީގެ އިތުރުން މެދުއިރުމަތީގެ ސަލާމަތީ ހާލަތާއި ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހުމުގެ ސަބަބުން ބަންގްލަދޭޝްގެ ބޭރުގެ އާމްދަނީއަށް ވަނީ އަސަރުކޮށްފައެވެ.
ގައުމުގެ އެތެރޭގެ ސަބަބުތަކަށް ބަލާއިރު، ބޭރުގެ ލޯނުތަކުން ހިންގާ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ސަބަބުން ދަރަނި ވަނީ އިތުރުވެފައެވެ. މީގެ ތެރޭގައި 11 ބިލިއަން ޑޮލަރުގެ ރޫޕޫރު ނިއުކްލިއާ ޕަވަރ ޕްރޮޖެކްޓާއި، ކަރްނަފުލީ ޓަނަލް އަދި ޕަދްމާ ރެއިލް ލިންކް ހިމެނެއެވެ. މި މަޝްރޫއުތައް ލަސްވުމުގެ ސަބަބުން ޚަރަދުތައް ބޮޑުވެ، ލިބެންޖެހޭ އާމްދަނީ ވަނީ ލަސްވެފައެވެ. މިސާލަކަށް ރޫޕޫރު މަޝްރޫއަށް އެކަނިވެސް 2028 އިން ފެށިގެން އަހަރަކު 500 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.
އިގްތިސާދީ މާހިރުން ލަފާދެއްވާ ގޮތުގައި މި ހާލަތުން އަރައިގަތުމަށްޓަކައި ޓެކްސްގެ ނިޒާމު ހަރުދަނާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރަން ޖެހެއެވެ. ބަންގްލަދޭޝްގެ ތެކލްސް ފައިސާ ލިބޭ މިންވަރާއި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ހުރީ 7 އިންސައްތައިގައެވެ. މިއީ ސަރަހައްދީ ފެންވަރުގައި ބަލާއިރު ވަރަށް ދަށް އަދަދެކެވެ. މީގެ އިތުރުން އެކްސްޕޯޓް ކުރާ ތަކެތި އިތުރުކޮށް، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިގްތިސާދީ ދެމެހެއްޓެނިވިކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.




