އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އިސްކޮށް ހުންނަވައިގެން އިސްލާމްއާބާދަށް ވަޑައިގެންނެވި ވަފުދު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި، ޗީފް އޮފް ޑިފެންސް ފޯސަސް (ސީ.ޑީ.އެފް) އަދި ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާ ބައްދަލުކުރެއްވުމަށްފަހު، މިއަދު ހޮނިހިރު ދުވަހު އިސްލާމްއާބާދުން ފުރައިވަޑައިގެންފިއެވެ.
އީރާނުން ކުރިންވެސް ބުނެފައި ވަނީ ޕާކިސްތާނާ މަޝްވަރާ ކުރުމަށް އީރާންގެ ވަފްދު އިސްލާމްއާބާދަށް ދާނެ ކަމަށެވެ.
އީރާނުން މި އިއުލާނާ ދިމާވެފައި ވަނީ ދެ ވަނަ ބުރުގެ މަޝްވަރާތަކުގެ ވާހަކައާއެވެ. އެމެރިކާއިން ވަނީ އެ ގައުމުގެ ވަފްދު ވެސް އިސްލާމްއާބާދަށް ފޮނުވާފައެވެ. އެމީހުން އިސްލާމްއާބާދަށް ފޯރަން ކައިރިވެފައި ވަނިކޮށް އީރާނު ވަފްދު ވަނީ އިސްލާމްއާބާދުގައި ބާއްވާ މަޝްވަރާތައް ނިމުނީކަމަށް ބުނެ އިސްލާމްއާބާދުން ފުރާފައެވެ.
މި މަޝްވަރާތަކުގައި ބައިވެރިވި ޕާކިސްތާނުގެ މަސްދަރަކުން ރޮއިޓާސްއަށް ކިޔައިދިން ގޮތުގައި، ތެހެރާނުގެ މަޝްވަރާގެ ޝަރުތުތަކާއި، އެމެރިކާގެ ހުށަހެޅުންތަކާ މެދު އީރާނުން ހުރި ކަންބޮޑުވުންތައް އަރަގްޗީ ވަނީ ޕާކިސްތާނުގެ އޮފިޝަލުންނާ ހިއްސާކުރައްވާފައެވެ.
ވަޒީރުގެ ރަސްމީ ޓެލެގްރާމް އެކައުންޓުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެންމެ ފަހުގެ ކުރިއެރުންތަކާއި، އީރާނާ ދެކޮޅަށް މަޖުބޫރުން ކުރަމުންދާ ހަނގުރާމަ މުޅިން ހުއްޓާލުމާ ގުޅޭގޮތުން ގައުމުގެ އަސާސީ ސިޔާސަތުތައް" އަރަގްޗީ ތަފްސީލުކޮށްދެއްވާފައިވާ ކަމަށެވެ.
ޕާކިސްތާން ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ޕާކިސްތާނުގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ސަރަހައްދީ ކުރިއެރުންތަކާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން" ވަނީ މަޝްވަރާކޮށް ފައެވެ.
ބޮޑުވަޒީރުގެ ގެކޮޅުގައި ބޭއްވި މި ބައްދަލުވުމުގައި ސީ.ޑީ.އެފް މުނީރާއި، ނައިބު ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އިސްހާގް ދާރްގެ އިތުރުން، އީރާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޒާ އަމީރީ މުގައްދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބޮޑުވަޒީރު ޝެހްބާޒް މި ބައްދަލުވުން ސިފަކުރެއްވީ "ސަރަހައްދުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ބަދަލުކުރެވުނު ވަރަށް ގާތް އަދި ރަހުމަތްތެރި ޚިޔާލުތަކެއް" ގެ ގޮތުގައެވެ.
"ދެ ގައުމުން ޝައުގުވެރިވާ ކަންކަމާ ބެހޭގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާކުރިން. އޭގެ ތެރޭގައި ޕާކިސްތާނާއި އީރާނުގެ ދެ ފަރާތުގެ ގުޅުން އިތުރަށް ވަރުގަދަކުރުން ހިމެނޭ،" އޭނާ ވިދާޅުވިއެވެ.





