ޗައިނާގެ އެތެރޭގެ އިގްތިސާދީ ހާލަތަށް އަންނަ ބަދަލުތަކާއި، އުޅަނދު އުފައްދާ މިންވަރު އިތުރުވުމުގެ ސަބަބުން އެ ގައުމުގެ އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދާ ކުންފުނިތަކުން ބޭރުގެ ބާޒާރުތަކަށް ވަނުމަށް ކުރާ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފައެވެ. ރޮއިޓާސްގެ ރިޕޯޓެއް ބުނާގޮތުން، ޗައިނާގެ އެތެރޭގެ ބާޒާރުގައި ވެހިކަލްތައް ގިނަވެ، ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ކުންފުނިތަކުގެ ދެމިއޮތުމަށްޓަކައި ބޭރުގެ މާކެޓްތަކަކީ މިހާރު ކޮންމެހެން ބޭނުންތެރި ތަންތަނަށް ވަނީ ވެފައެވެ.
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ ކާރު ބާޒާރު ޗައިނާގައި އޮތް ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގައި ކާރު ވިކުނު މިންވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 18 އިންސައްތަ ދަށަށް ގޮސްފައެވެ. މި ހީނަރުކަމުގެ ސަބަބުން ޗައިނާގެ ކުންފުނިތަކުން ދަނީ ބޭރު ގައުމުތަކުގައި އެމީހުންގެ ވިޔަފާރި ފުޅާކޮށް، ފައިދާ އިތުރުކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. މިދިޔަ އަހަރު އެކަނިވެސް ޗައިނާއިން 5.8 މިލިއަން ވެހިކަލް ބޭރުކޮށްފައިވާއިރު، 2026 ވަނަ އަހަރާ ހަމައަށް މި އަދަދު 7.4 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ހުއާވޭގެ އެހީތެރިކަމާއެކު ހިންގާ އައިޓޯ ފަދަ ކުންފުނިތަކުން ދަނީ ބޭރުގެ ބާޒާރުތަކަށް ވަނުމަށް ވަރުގަދަ ރޭވުންތަކެއް ރާވަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް އަހަރަކު އެއް މިލިއަން ވެހިކަލް ވިއްކުމެވެ. މީގެ ތެރެއިން 20 އިންސައްތަ އަކީ ބޭރުގެ ބާޒާރުތަކުން ހޯދާ ސޭލްސް ކަމަށް ހެދުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން، އީވީ ބޭނުންކުރާ މިންވަރު އިތުރުވަމުންދާ އުތުރު ޔޫރަޕްގެ ގައުމުތަކަށް މި އަހަރު ތެރޭގައި ވަނުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
ނަމަވެސް، ބޭރުގެ ބާޒާރުތަކަށް ވަނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. އެމެރިކާއިން ވަނީ ޗައިނާގެ އީވީތަކުން 100 އިންސައްތައިގެ ޓެރިފް ނަގަން ނިންމާފައެވެ. އަދި ޔޫރަޕުން ވެސް ވަނީ ބައެއް ޑިއުޓީތައް ބޮޑުކޮށްފައެވެ. އެހެންނަމަވެސް، ޗައިނާގެ އުފެއްދުންތަކުގެ އަގު ހެޔޮވުމާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވުމުގެ ސަބަބުން ބޭރުގެ ކަސްޓަމަރުންގެ މެދުގައި މި އުފެއްދުންތަކަށް އޮތް މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ.
ކާރުގެ އިތުރުން، ކުރިމަގުގެ ޓެކްނޮލޮޖީތަކުގައި ވެސް ޗައިނާއިން ދަނީ އިސްދައުރެއް އަދާކުރަމުންނެވެ. ޝީީޕެންގ ކުންފުނިން އަންނަ އަހަރު އުދުހޭ ކާރު އުފައްދަން ފަށާނެ ކަމަށް އިއުލާން ފައިވާއިރު، 2026 ވަނަ އަހަރު އިންސާނުންނާ ވައްތަރުގެ ރޮބޮޓްތައް އެކުްނފުނިން އުފައްދަން ފަށާނެއެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެމީހުންނަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އާމްދަނީ ލިބޭނީ ބޭރުގެ ބާޒާރުތަކުންނެވެ.
މި ބަދަލުތަކާއެކު، ޗައިނާގެ އީވީތަކާއި އާ ޓެކްނޮލޮޖީތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ޗައިނާގެ ކުންފުނިތަކުން އޭޝިއާ އަދި ޔޫރަޕްގެ ބާޒާރުތަކުގައި ފައިތިލަ ސާބިތުކުރަމުންދާއިރު، މިއީ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ބެލެވެއެވެ.



