އިންޑިއާއާއި ގަތަރާ ދެމެދު އޮންނަ ދެފަރާތުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ނިއުދިއްލީގައި ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކަނޑުދަތުރުފަތުރާއި ހަކަތައިގެ ސަޕްލައިއަށް ބުރޫއަރަމުންދާ ދަނޑިވަޅެއްގައެވެ.
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލް، ގަތަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން ޓްރޭޑް އެފެއާޒް އަހުމަދު ބިން މުހައްމަދު އައްސައްޔިދާ ބައްދަލުކުރައްވައި، ދެ ގައުމުގެ އިގްތިސާދީ އެއްބާރުލުން މުރާޖައާ ކުރެއްވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓީޖިކް ޕާޓްނަޝިޕް އިތުރަށް ވަރުގަދަކުރުމުގެ މައްޗަށެވެ.
މިނިސްޓަރު ގޯޔަލް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ އަމާޒަކީ މުހިންމު ދާއިރާތަކަށް ބޭނުންވާ ސަޕްލައި ޗެއިންތަކަށް ދިގުމުއްދަތުގެ ހަމަޖެހުމެއް ހޯދައިދިނުމެވެ. މިއީ ސަރަހައްދީ ހަލަބޮލިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
ގަތަރަކީ އިންޑިއާއަށް އެންމެ ގިނައިން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ފޯރުކޮށްދޭ އެއް ގައުމެވެ. މީގެ އިތުރުން، އިންޑިއާގެ އިންފްރާސްޓްރަކްޗަރ އަދި ހަކަތައިގެ މަޝްރޫއުތަކުގައި ގަތަރަކީ ފާހަގަކޮށްލެވޭ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ގައުމެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ދެ ގައުމުގެ ސަރުކާރުން މިހާރު ދަނީ ލޮޖިސްޓިކްސްގެ ފެންވަރު ރަނގަޅުކުރުމަށާއި، ވިޔަފާރިއަށް މަގުފަހިކޮށްދިނުމުގެ އިތުރުން އިންވެސްޓްމަންޓް ފުރުސަތުތައް އިތުރުކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. މިއީ ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ތެރޭގައި ދެ ގައުމުގެ އިގްތިސާދީ ގުޅުން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެކެވެ.



