އޭއައި އަށް ފައްކާވެފައިވާ ސްމާޓް ސިޓީތައް ބިނާކުރުމަށް ޕާޓްނަޝިޕެއް ގާއިމްކޮށްފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ފައްކާވެފައިވާ ސްމާޓް ސިޓީތައް ތަރައްގީކުރުމަށް ބޭނުންވާ ކޮންސްޓްރަކްޝަން މައުލޫމާތު ޑިޖިޓަލް ނިޒާމުތަކާ ގުޅާލުމަށް އިންޑިއާ އާއި ޖަޕާނުން އައު ޑޭޓާ ޕާޓްނަޝިޕެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބެންގަލޫރުގައި ބޭއްވި ފުރަތަމަ "ޖަޕާން-އިންޑިއާ އޭއައި ސްޓްރެޓީޖިކް ޑައިލޮގް" ގެ ތެރެއިންނެވެ.

މި ޕާޓްނަޝިޕްގެ ދަށުން ގުޅިގެން މަސައްކަތް ކުރާނީ ޖަޕާނުގެ ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ވަންސްޓްރަކްޝަން އިންކްއާއި އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ސެންޓަރ ފޯ ޑޭޓާ ފޯ ޕަބްލިކް ގުޑްގެ ވިޔަފާރި ގޮފި ކަމަށްވާ ޑޭޓާކަވޭރީ ސިސްޓަމްސް އެވެ. މި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނީ ވަންސްޓްރަކްޝަންގެ އޯޕަން ބީއައިއެމް ޕްލެޓްފޯމާއި ޑޭޓާވަވޭރީގެ އިންޓެލިޖެންޓް ޔުނިވާސަލް ޑޭޓާ އެކްސްޗޭންޖް ގުޅާލުމަށެވެ.

އިންޑިއާގެ 55 ސްމާޓް ސިޓީއެއްގައި މިހާރުވެސް ބޭނުންކުރަމުންދާ މި ޑޭޓާ އެކްސްޗޭންޖް ނިޒާމަކީ ދަތުރުފަތުރާއި، ޔުޓިލިޓީސް އަދި އާންމު ހިދުމަތްތަކުގެ ޑޭޓާ ފްލޯތަކަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމެކެވެ. މި ގުޅުމުގެ މައިގަނޑު މަގްސަދަކީ އިމާރާތްތަކުގެ ފްލޯ ޕްލޭންތަކާއި ޔުޓިލިޓީ ލޭއައުޓްތައް ފަދަ މުހިންމު މައުލޫމާތުތައް، މަޝްރޫއު ނިމުމަށްފަހުވެސް ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.

ދެ ކުންފުނީގެ އިސްވެރިން ފާހަގަކުރެއްވި ގޮތުގައި، ކޮންސްޓްރަކްޝަން ދާއިރާގައި ގިނަ އަދަދެއްގެ އަގުހުރި ޑޭޓާ ހުރި ނަމަވެސް، އާންމުކޮށް އެ މައުލޫމާތުތައް ހުންނަނީ ވަކިވަކި މަޝްރޫއުތަކުގެ ފައިލްތަކުގައި ބަންދުވެފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން އެ ޑޭޓާ ބޭނުންކޮށްގެން އޭއައިގެ އައު ބޭނުންތައް އުފެއްދުމަށާއި، ސިޓީތަކުގެ ޕްލޭނިންގ އަދި މެއިންޓެނަންސް ރަނގަޅުކުރުމަށް މަގުފަހިވާނެއެވެ.

މި އެއްބަސްވުމަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ދާއިރާއިން އިންޑިއާ އާއި ޖަޕާނުގެ ގުޅުމުގެ އައު މަރުހަލާއެކެވެ. އަދި މިއީ އޯޕަން ސްޓޭންޑަޑްތަކާއި އެއްބަޔަކު އަނެއް ބަޔަކާ ގުޅާލެވޭ ޑޭޓާ ސިސްޓަމްތައް ފުޅާކުރުމަށް ދެ ގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވުނު މަސައްކަތެކެވެ. ދެ ފަރާތުންވެސް ވަނީ މި މޮޑެލް ކުރިއަށް އޮތްތަނުގައި އެހެން ގައުމުތަކަށްވެސް ފުޅާކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ހިއްސާ ކުރައްވާ!