ދުނިޔޭގެ ފެންވަރުގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ ތިންބައިކުޅަ ދެބައި މީހުން ދިރިއުޅެނީ އެންމެ 10 ގައުމެއްގައި ކަމަށް އދ. އާއި ޔޫރަޕިއަން ޔޫނިއަން އަދި އިންސާނީ އެހީދޭ އިދާރާތަކުން ނެރުނު އަހަރީ ރިޕޯޓެއްގައި ހާމަކޮށްފިއެވެ. މި ރިޕޯޓުގައިވާ ގޮތުން ކާބޯތަކެތީގެ ނާމާންކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި މި ސަރަހައްދުން ޕާކިސްތާން އަފްޣާނިސްތާން، ބަންގްލަދޭޝް ހިމެނެއެވެ.
ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސިސްގެ 10 ވަނަ އެޑިޝަނުން ދައްކާގޮތުގައި، ކާބޯތަކެތީގެ ނާމާންކަން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޕާކިސްތާނުގެ އިތުރުން އަފްޣާނިސްތާން، ބަންގްލަދޭޝް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، މިޔަންމާ، ނައިޖީރިއާ، ސައުތު ސޫދާން، ސޫދާން، ސީރިއާ އަދި ޔަމަންގައެވެ. މިދިޔަ އަހަރު 47 ގައުމަކުން ގާތްގަނޑަކަށް 266 މިލިއަން މީހުންނަށް ވަނީ ކާބޯތަކެތީގެ ނާމާންކަން އިންތިހާއަށް ކުރިމަތިވެފައެވެ.
މި ނުރައްކާތެރި ހާލަތު މެދުވެރިވާ މައިގަނޑު ސަބަބަކީ ހަނގުރާމަތަކާއި ހަމަނުޖެހުންތައް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށާއި، 2026 ވަނަ އަހަރަށް އޮތް އުންމީދުތައް ވެސް ފެންނަނީ ވަރަށް ބަނަކޮށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ފުރަތަމަ ފަހަރަށް މި ރިޕޯޓުގައި ވަނީ ޣައްޒާ އަދި ސޫދާނުގެ ބައެއް ސަރަހައްދުތަކުގައި ބޮޑު ބަޑުހައިހޫނުކަން އޮތްކަން ކަށަވަރުކޮށްދީފައެވެ.
ބައިނަލްއަގުވާމީ އެހީތެރިކަން ވަރަށް ބޮޑަށް ދަށްވަމުންދާކަމުގެ އިންޒާރު ދެމުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މިހާރު ހުރި ހައިހޫނުކަމުގެ މައްސަލަތައް އިތުރަށް ގޯސްވެދާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ހާއްސަކޮށް ތެޔޮ ސަޕްލައި ކުރާ މައި މަގެއް ކަމަށްވާ ހުރުމުޒު ބަންދުވުމުގެ ސަބަބުން ތެލުގެ އަގު އުފުލި، އޭގެ ސަބަބުން ގަސްކާނާގެ އަގުތައް ވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.
އދ. ގެ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް އިފާޑްގެ ވެރިޔާ އަލްވާރޯ ލާރިއޯ ވިދާޅުވީ، "މިހާރު މިއީ ގަސް އިންދާ މޫސުން ކަމަށްވާއިރު، ހަކަތައާއި ގަސްކާނާގެ އަގު އުފުލުމުގެ ސަބަބުން އުފެއްދުންތެރިކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ" ކަމަށެވެ. އޭނާ ވަނީ ކުދި ދަނޑުވެރިންނަށް އެހީތެރިކަން އިތުރުކުރުމަށާއި، މޫސުމަށް ހޭނޭ ފަދަ ގޮވާންތައް އުފެއްދުމަށް އިންވެސްޓް ކުރުމަށް ގޮވާލައްވާފައެވެ.
މި މައްސަލައަށް އޮތް ހައްލެއްގެ ގޮތުން ލާރިއޯ ލަފާދެއްވީ، ދަނޑުވެރިން އަމިއްލައަށް ގަސްކާނާ އުފެއްދުމާއި، ބިމުގެ ފަސްގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށެވެ. މީގެ އިތުރުން، ލޯކަލް ޕްރައިވެޓް ސެކްޓަރު މެދުވެރިކޮށް އިންވެސްޓްމަންޓްތައް އިތުރުކުރުމަކީ މިފަދަ ކާބޯތަކެތީގެ ދަތިކަމުން އަރައިގަތުމަށް ކުރެވިދާނެ މުހިންމު މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔެއަށް ކާރިސާތައް މިފަހުން ކުރިމަތި ވަމުން ދަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުސިޔާނު ސިޔާސަތުގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ހީނަރުކޮށްލުމުންނެވެ.


