ޕާކިސްތާނުގެ ބަލޯޗިސްތާނު ޕްރޮވިންސްގެ ކައްޗީ އަދި ނޯޝްކީ ޑިސްޓްރިކްޓްގައި ފުލުހުންގެ ދެ މަރުކަޒަކަށް، ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާތަކެއްގައި ފުލުހަކު މަރުވެ، އިތުރު ހަތަރު މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދާދަރު އަދި މަލް ފުލުސް މަރުކަޒަށެވެ.
ފުލުހުންގެ އޮފިޝަލުން 'ޑޯން ނިއުސް' އަށް މައުލޫމާތު ދެއްވި ގޮތުގައި، ސައިކަލުތަކުގައި އައި ޓެރަރިސްޓުން ދާދަރު މަރުކަޒަށް ހަމަލާދިނުމުގައި ރޮކެޓާއި ގްރެނޭޑް ބޭނުންކޮށްފައިވެއެވެ. އެއް ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ދެފަރާތުގެ މެދުގައި ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކުގައި، ހަމަލާދިން މީހުންގެ ތެރެއިން ޓެރަރިސްޓަކު ވަނީ މަރލާފައެވެ.
މި ހާދިސާގައި ބަލޯޗިސްތާނު ކޮންސްޓެބިއުލަރީގެ ފުލުހަކު މަރުވެފައިވާއިރު، ޒަޚަމްވި ތިން ފުލުހުންނާއި މަރުވި ފުލުސް މީހާ ވަނީ ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މީގެ އިތުރުން، ހަމަލާދިން މީހުން ވަނީ ދާދަރު މަރުކަޒު ބޭރުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކުގައި ރޯކޮށްލުމަށްފަހު ފިލާފައެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވެއެވެ. ސަލާމަތީ ބާރުތަކުން މިހާރު ވަނީ މި މައްސަލައިގެ ތަހުގީގު ފަށާފައެވެ. އަދި އެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން މިހާރު ވަނީ ވަރުގަދަކޮށްފައެވެ. މި ހަމަލާތައް ދީފައިވަނީ ބަލޯޗިސްތާނުގައި ސަލާމަތީ ބާރުތަކަށް އަމާޒުކޮށްދޭ ޓެރަރިސްޓް ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.


