ޕާކިސްތާނުގެ ކުވެޓާގައި ހުންނަ ބޯލާން މެޑިކަލް ކޮލެޖް (ބީއެމްސީ) ގެ ދަރިވަރުން، އެ ކޮލެޖުގައި ނާސިންގް ކިޔަވަމުންދާ ޚަދީޖާ ބަލޯޗް މިނިވަންކުރުމަށް ގޮވާލައި ކުރިއަށްގެންދާ އިށީނދެގެން ތިބުމުގެ އިހުތިޖާޖަށް ތިން ދުވަސް ވެއްޖެއެވެ. އިހުތިޖާޖުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި ފުލުހުންނާއި އިންޓެލިޖެންސް އިދާރާތަކުން ދަނީ މުޒާހަރާގެ ބައިވެރިންނަށް ބިރުދައްކައި ފުރައްސާރަކުރަމުންނެވެ.
ކެޗް ޑިސްޓްރިކްޓަށް ނިސްބަތްވާ، އަދި ބީއެމްސީގައި ބީއެސް ނާސިންގްގެ ހަތްވަނަ ސެމެސްޓަރގައި ކިޔަވަމުންދާ ޚަދީޖާ ބަލޯޗް ހައްޔަރުކޮށްފައިވަނީ އެ ކޮލެޖުގެ އަންހެން ކުދިންގެ ހޮސްޓެލްގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓާއި އެހެނިހެން އިދާރާތަކުންނެވެ.، އޭނާ މިހާރު ބަހައްޓާފައިވަނީ ކޮން ތަނެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ޚަދީޖާގެ އާއިލާއިން ބުނާ ގޮތުގައި އޭނާގެ މައްޗަށް އެއްވެސް އެފްއައިއާރްއެއް ރަޖިސްޓްރީކޮށްފައި ނުވާއިރު، އޭނާ ބަންދުކުރި ސަބަބެއްވެސް ކަމާބެހޭ ފަރާތްތަކުން ހާމައެއް ނުކުރެއެވެ.
ބަލޯޗިސްތާން ހޯމް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު އެކްސްގައި ވިދާޅުވީ، ހަނގުރާމަވެރިންނަށް އެހީތެރިވިކަމުގެ "ސާފު ހެކި" އަންހެން ދަރިވަރަކާ ދެކޮޅަށް ފެނިފައިވާ ކަމަށާއި، އޭނާ މިހާރު ހުރީ ގާނޫނީ އިމުގެ ތެރެއިން ބަންދު މަރުކަޒެއްގައި ކަމަށެވެ. ނަމަވެސް އާއިލާއިން މި ވާހަކަތައް ދޮގުކުރެއެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި ޚަދީޖާއަށް މަޖުބޫރުކޮށްގެން ދޮގު ބަޔާނެއް ހޯދުމަށް ދަނީ ނުފޫޒު ފޯރުވަމުންނެވެ.
އިހުތިޖާޖު ކުރިއަށްދާ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚަދީޖާގެ މައިންބަފައިން ބުނީ، އޭނާ ހުރި ތަނެއްގެ މައުލޫމާތު އެމީހުންނަށް ޕޮލިސް ދީފައި ނުވާ ކަމަށެވެ. އަދި ބިރުދައްކައިގެން ނުވަތަ މަޖުބޫރުކޮށްގެން ހޯދާ އެއްވެސް ބަޔާނެއް ގާނޫނީ ގޮތުން ބަލައިނުގަނެވޭނެ ކަމަށް އެމީހުން ބުންޏެވެ. މީގެ ކުރިންވެސް ގެއްލުވާލާފައިވާ އަންހެނުން ގިނަ ދުވަސްތަކެއް ވަންދެން އެކަހެރިކޮށް ބަންދުކޮށްފައި ބޭތިއްބުމަށްފަހު މީޑިއާގެ ކުރިމައްޗަށް ނެރެފައިވާ ކަން އާއިލާއިން ފާހަގަކުރިއެވެ.
ބަލޯޗް ޔަކްޖެހްތީ ކޮމިޓީ (ބީވައިސީ) އިން ތުހުމަތުކުރި ގޮތުގައި، މަޝްވަރާ ކުރުމުގެ ނަމުގައި އިދާރާތަކުން ދަނީ މުޒާހަރާގެ ބައިވެރިންގެ ފޮޓޯ ނަގައި އެމީހުންގެ މައުލޫމާތު އެއްކުރަމުންނެވެ. އިހުތިޖާޖުގެ އެއްވެސް ބައިވެރިއަކަށް ގެއްލުމެއް ލިބިއްޖެނަމަ އޭގެ ޒިންމާ ކުވެޓާ ފުލުހުން އުފުލަންޖެހޭނެ ކަމަށް އެ ޖަމާއަތުން އިންޒާރު ދެއެވެ. އަދި މި ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލުމަށް އާންމުންނަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ބީވައިސީން ވަނީ ގޮވާލާފައެވެ.


