ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކް އާއި އެ ޖަމިއްޔާގެ ބައިވެރިން ހިމެނޭ އޯޕެކް ޕްލަސް އިން ވަކިވާން ނިންމައިފިއެވެ. މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ނިންމުމަކީ، ދުނިޔޭގެ ތެލުގެ ބާޒާރުގައި ސައުދީ އަރަބިއްޔާގެ ބާރުވެރިކަމަށް ލިބޭނެ ބޮޑު ލޮޅުމެއް ކަމަށް ބެލެވެއެވެ.
ޔޫއޭއީގެ އެނާޖީ މިނިސްޓަރު ސުހައިލް އަލްމަޒްރޫއީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި އޯޕެކްގެ މެންބަރު ގައުމުތަކުން ބެހެއްޓި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ އެ ގައުމުގެ ދިގު މުއްދަތުގެ އިސްތިރާތީޖީ އަދި އިގްތިސާދީ ތަސައްވުރުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
ޔޫއޭއީ އިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ހުރުމުޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ތެޔޮ ސަޕްލައި ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ސޮލީބީ ސަހުޔޫނީ ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ ހުރުމުޒް ކަނޑުއޮޅި ބަންދުކުރާ ކަމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން އެމެރިކާ އިން ވެސް ވަނީ އީރާނުގެ ބަނދަރުތަކަށް ހިސާރަ ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ ކުރިން އޯޕެކް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޔހޫއޭއީގެ ނިންމުމަކީ އެމެރިކާގެ ނުފޫޒުން ކަމެއްކަން ސާފެއް ނޫނެވެ.
ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި އޯޕެކް އިން ދަނީ ތެލުގެ އަގު އިންތިހާއަށް މަތިކޮށް މުޅި ދުނިޔެ "ލޫޓުވަމުން" ނެވެ. އަދި ގަލްފުގެ ގައުމުތަކަށް އެމެރިކާ އިން ދޭ އަސްކަރީ އެހީތެރިކަމާ ތެލުގެ އަގާ ގުޅުވައި، އެމެރިކާ އިން އެ ގައުމުތައް ހިމާޔަތް ކުރާއިރު، އޯޕެކް އިން ތެލުގެ އަގު މަތިކޮށްގެން އެކަމުގެ ނާޖާއިޒު ފައިދާ ނަގާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޔޫއޭއީ އަކީ 1971 ވަނަ އަހަރުން ފެށިގެން އޯޕެކްގެ މެންބަރެކެވެ. އަދި ޔޫއޭއީގެ އެންމެ ބޮޑު އިމާރާތު ކަމަށްވާ އަބޫދާބީ އަކީ 1967 އިން ފެށިގެން އެ ޖަމިއްޔާގެ މެންބަރެކެވެ. ޔޫއޭއީ އަކީ 2019 ވަނަ އަހަރު ގަތަރުން ވަކިވި ފަހުން، އޯޕެކް ދޫކޮށްލި ގަލްފުގެ ދެވަނަ ގައުމެވެ. ޔޫއޭއީ ވަކިވުމުން އޯޕެކްގައި ދެން ބާކީ ތިބޭނީ ސައުދީ އަރަބިއްޔާ، އީރާން، އިރާގު އަދި ކުވެއިތު ހިމެނޭހެން ޖުމްލަ 11 މެންބަރު ގައުމެވެ.




