ލާހޯރުން ފާއިތުވި ފަސް އަހަރު ތެރޭގައި ވަގަށް ނެގި 800 އަށްވުރެ ގިނަ އަންހެނުންގެ ޚަބަރެއް އަދިވެސް ނުވޭ

ޕާކިސްތާނުގެ ލާހޯރުން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަގަށް ނަގާފައިވާ 824 އަންހެނަކު، ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އަދިވެސް ފެނިފައި ނުވާކަމަށް އެ ގައުމުގެ ފުލުހުންގެ ރެކޯޑުތަކުން ހާމަވެއްޖެއެވެ.

ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަންހެނުންނަކީ 2021 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު ލާހޯރުގެ އެކި ސަރަހައްދުތަކުން ވަގަށް ނަގާފައިވާ މީހުންނެވެ. މި މުއްދަތުގެ ތެރޭގައި އަންހެނުން ވަގަށް ނެގުމުގެ ގިނަ މައްސަލަތަކެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ބޮޑުބައެއް އަދިވެސް ވަނީ ނުހޯދިއެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާގޮތުގައި އެންމެ ގިނަ އަންހެނުން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ކެންޓް ޑިވިޜަނުންނެވެ. އެ ސަރަހައްދުން ވަގަށް ނެގި 282 އަންހެނެއްގެ މައުލޫމާތު އަދިވެސް ވަނީ ނުހޯދިފައެވެ. މީގެ އިތުރުން ސަދަރު ޑިވިޜަނުން 152 އަންހެނުން އަދި ސިޓީ ޑިވިޜަނުން 124 އަންހެނުން ވަނީ ގެއްލިފައެވެ.

މި ރިޕޯޓުގައިވާ ގޮތުން މޮޑެލް ޓައުން ޑިވިޜަނުން 110 އަންހެނުން އަދި އިޤްބާލް ޓައުން ޑިވިޜަނުން 100 އަންހެނުން ގެއްލިގެން ހޯދަމުންދާއިރު، ސިވިލް ލައިންސް ޑިވިޜަނުން ވަގަށް ނެގި 56 އަންހެނަކުވެސް މިހާތަނަށް ފެނިފައެއް ނުވެއެވެ.

މި ހުރިހާ މައްސަލަތަކަކާ ގުޅިގެން ފުލުހުން ވަނީ މައްސަލަ ރަޖިސްޓްރީކޮށް، ތަހުގީގުތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން މި އަންހެނުންނަށް ވީގޮތެއް ނުވަތަ އެމީހުން ތިބި ތަނެއް ދެނެގަނެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އެ އާއިލާތަކަށް ވަނީ ބޮޑު ހިތާމައަކާއި ކަންބޮޑުވުމަކާ ކުރިމަތިލާން ޖެހިފައެވެ.

ހިއްސާ ކުރައްވާ!