މެއި މަހުގެ 9 ވަނަ ދުވަހު ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލުމުގެ ހުށަހެޅުމެއް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، ހުށަހަޅުއްވައިފިއެވެ.
މެއި މަހުގެ 9 ވަނަ ދުވަހަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ މައްޗަށް ސޯވިއެޓް ޔޫނިއަންއިން ކުރި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަޝިއާގައި "ވިކްޓްރީ ޑޭ" ނުވަތަ ނަޞްރުގެ ދުވަހު ގޮތުގައި ފާހަގަކުރާ ދުވަހެވެ. ފްރާންސްގެ ޚަބަރު ފަތުރާ އިދާރާއަކުން ރަޝިއާގެ ރައީސްގެ ސިޔާސީ މުޝީރަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕޫޓިން މި ހުށަހެޅުން ހުށަހެޅުއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ފޯނުން ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި، ރަޝިއާގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް ކުރިއަށްދާ ވަގުތު ހަނގުރާމަ މެދުކަނޑާލުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ.
ރަޝިއާގެ ރައީސްގެ މުޝީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އެމެރިކާގެ ރައީސް ވަނީ ޕޫޓިންގެ މި ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ. އަދި ނާޒީ ޖަރުމަނުގެ މައްޗަށް ހޯދި ކާމިޔާބީގެ ދުވަހަކީ ދެ ގައުމުގެވެސް ގުޅިފައިވާ ކާމިޔާބީއެއްގެ ދުވަސް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ކަމަށްވެސް މުޝީރު ވިދާޅުވިއެވެ.
މި ހުށަހެޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، މަޝްވަރާގެ މަގަށް ދިއުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ޔޫކްރެއިންގެ ފަރާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.






