ކަނޑުގެ މަގުތަކަށް ދޭ ހަމަލާތަކުގެ ނޭދެވޭ އަސަރު ކުދި ޖަޒީރާ ގައުމުތަކަށް ކުރަމުންދޭ: ސަފީރު އަލީ ނަސީރު

ދުނިޔޭގެ ކަނޑުގެ މުހިންމު މަގުތަކަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ތަކެތީގެ އަގު އުފުލެމުންދާ ކަމަށް ދިވެހިރާއްޖެއިން އދ. ގެ ސަލާމަތީ މަޖިލީހުގައި ބުނެފިއެވެ. އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ، ވިޔަފާރި އުޅަނދުފަހަރަށް ދޭ ހަމަލާތަކުގެ އަސަރު ހުރުމުޒް ކަނޑުއޮޅިއާ ދުރުގައިވާ ގައުމުތަކަށް ވެސް ކުރަމުންދާ ކަމަށެވެ.

ބަހްރޭނުން އިންތިޒާމުކޮށްގެން ކަނޑުގެ މަގުތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ބޭއްވި ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖެއަކީ ކާބޯތަކެއްޗާއި ތެލުގެ އިތުރުން އަސާސީ ބޭނުންތަކަށް ކަނޑުގެ މަގުތަކަށް ބަރޯސާވާ ގައުމެއް ކަމަށެވެ. ކަނޑުގެ މަގުތަކަށް ބުރޫއެރުމުން މުދާ އުފުލުމުގެ އަގުތައް ބޮޑުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް އޭގެ ނޭދެވޭ އަސަރު ވަގުތުން ކުރާކަަމަށެވެ.

ހާއްސަކޮށް ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމަށް ރާއްޖެއިން ތާއީދުކުރާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މި ސަރަހައްދުގެ ހަމަޖެހުން ގެއްލިފައި އޮތުމަކީ ދުނިޔޭގެ ވިޔަފާރިއަށާއި ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި މައްސަލައިގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތިން އަސާސެއް ހުށަހެޅިއެވެ. އޭގެ ތެރޭގައި ކަނޑުތަކާ ބެހޭ އދ. ގެ ގާނޫނަށް އިހުތިރާމްކުރުމާއި، މައުލޫމާތު ހިއްސާކުރުމާއި ގާބިލުކަން އިތުރުކުރުމުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ކަނޑުގެ މަގުތައް ހިމާޔަތްކުރުމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ބެލުން ހިމެނެއެވެ.

ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފުޅާކުރަމުންދާކަން ފާހަގަކުރައްވަމުން، ސަފީރު ވިދާޅުވީ އެއްވެސް ގައުމަކަށް އެކަނި މިފަދަ ނުރައްކާތަކުން ސަލާމަތް ނުވެވޭނެ ކަމަށެވެ.

މި ބަހުސްގައި ހުޅަނގު އޭޝިއާގެ ސިޔާސީ ނުތަނަވަސްކަމުގެ އަސްލު ސަބަބުތަކަށް އަލިއަޅުވާލާފައެއް ނުވެއެވެ. ހުރުމުޒު ކަނޑުއޮޅީގެ ނުތަނަވަސްކަމަކީ އެމެރިކާ އާއި އެގައުމުގެ ޕްރޮކްސީ ބާރުކަމަށްވާ ޖެނޮސައިޑް ހިންގާ ޔަހޫދީ ދައުލަތުގެ އަސްކަރީ ހަރަކާތްތަކާ ގުޅިފައިވާ ކަމެކެވެ. އަދި ދުނިޔޭގެ އިގްތިސާދު ވަޅު ޖެހުމުގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހެއެވެ. އިމްޕޯޓަށް ބަރޯސާވާ ރާއްޖެ ފަދަ ކުދި ގައުމުތަކަށް މިފަދަ ހަމަނުޖެހުންތަކުގެ ގެއްލުން އެހެން ގައުމުތަކަށްވުރެ އަވަހަށް ފޯރާކަން ރާއްޖޭގެ ބަޔާނުން ވަނީ ހާމަވެފައެވެ.

ހިއްސާ ކުރައްވާ!