އެޕްސްޓީންގެ 'ސުއިސައިޑް ނޯޓު' ސިއްރުކޮށްފައި އޮންނާތީ ނިއުޔޯކް ޓައިމްސް އިން ކޯޓަށް

އެމެރިކާއާއި އަރަބި މުއްސަނދިންނަށް އަންހެން ކުދިން ހޯދައިދިން ޓްރަމްޕްގެ ރަހުމަތްތެރިޔާ ޖެފްރީ އެޕްސްޓީން އަމިއްލައަށް މަރުވުމުގެ ކުރިން ލިޔެފައިވާ ކަމަށް ބުނާ ސިޓީއެއް ނިއުޔޯކްގެ ކޯޓެއްގައި ސިއްރުކޮށްފައި އޮންނަތާ ހަތް އަހަރު ވެފައިވާތީ، އެ ލިޔުން އާންމުކުރުމަށް އެދި ނިއުޔޯކް ޓައިމްސް އިން ކޯޓަށް ހުށަހަޅައިފިއެވެ. މިއީ އެމެރިކާގެ ތާރީޚުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވާ އެއް މަރުގެ މައްސަލައިގައި ހެކި ސިއްރކޮށްފައިވާ މައްސަލާގައި ހުށަހަޅާފައިވާ ދައުވާއެކެވެ.

ކޯޓު ރެކޯޑްތަކުން އެނގޭ ގޮތުގައި، މި ސިޓީ ފެނިފައިވަނީ ޖުލައި 2019 ގައި މެންހަޓަން ޖަލުގެ ގޮޅިއެއްގެ ތެރޭގައި އެޕްސްޓީން ހޭނެތިފައި އޮއްވައި އޭނާއާ އެކު އެއް ގޮޅިއެއްގައި އޮތް ނިކޮލަސް ޓާޓަގްލިއޯން އަށެވެ. އެ ފަހަރު އެޕްސްޓީން ސަލާމަތްވި ނަމަވެސް، އޭގެ ހަފްތާތަކެއް ފަހުން އޭނާ މަރުވެފައި އޮއްވާ ފެނުމުން މެޑިކަލް އެގްޒެމިނަރު ނިންމާފައިވަނީ އެއީ އަމިއްލައަށް މަރުވުމެއް ކަމަށެވެ.

ފެޑަރަލް ފަނޑިޔާރަކު ވަނީ ޓާޓަގްލިއޯންގެ ޖިނާއީ މައްސަލައިގެ ބައެއްގެ ގޮތުގައި އެ ސިޓީ ސީލްކޮށް، ތަހުގީގު ކުރާ ފަރާތްތަކަށް ވެސް އެ ނުފެންނާނެ ގޮތް ހަދާފައެވެ. ނިއުޔޯކް ޓައިމްސް އިން ވަނީ މި ލިޔުން އާންމުކުރުމަށް އެދި ކޯޓަށް ދައުވާއެއް ހުށަހަޅާފައެވެ. އެ ނޫހުން ބުނާ ގޮތުގައި، ގިނަ ބައެއްގެ ޝައްކުތައް އުފެދިފައިވާ މި މައްސަލައާ ގުޅުންހުރި މައުލޫމާތު އެނގުމުގެ ހައްގު އާންމުންނަށް ލިބިގެންވެއެވެ.

ޓާޓަގްލިއޯންގެ ވަކީލުން ވަނީ އެ ސިޓީއަކީ ސައްހަ އެއްޗެއްކަން ކަށަވަރުކޮށްދީ، ކޯޓުގެ ރައްކާތެރި ތިޖޫރީއެއްގައި އެ ބާއްވާފައެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވަނީ އެ ލިޔުން އެ ފަރާތަށް ފެނިފައި ނުވާ ކަމަށާއި، އެޕްސްޓީންއާ ގުޅޭ ފައިލްތަކުގެ ތެރޭގައި ވެސް އެ ލިޔުން ނެތް ކަމަށެވެ.

ކުރީގެ ފުލުހެއް ކަމަށްވާ ޓާޓަގްލިއޯން ބުނެފައިވަނީ އެ ސިޓީ ފެނުނީ ބަރަހަނާ ވާހަކަ ކިޔައިދޭ ވާހަކަ ފޮތެއްގެ ތެރެއަށް ޖަހާފައި އޮއްވާ ކަމަށެވެ. އަދި އެ ސިޓީގައި "ވަކިވެދާންވީ ވަގުތު ޖެހިއްޖެ" ކަމަށް ބުނާ ޖުމްލައެއް އޮތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އޭނާއަކީ ހަތަރު މީހަކު މެރުމުގެ ކުށް ސާބިތުވެފައިވާ މީހެކެވެ.

އެޕްސްޓީންގެ މަރާ ގުޅިގެން 2023 ވަނަ އަހަރު ނެރުނު އިންސްޕެކްޓަރ ޖެނެރަލްގެ ރިޕޯޓުގައި ވެސް މި ސިޓީގެ ވާހަކަ ހިމަނާފައެއް ނުވެއެވެ. މި ލިޔުން އާންމުކުރުމާ މެދު ކޯޓުން ވަކި ގޮތެއް ނިންމާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!