އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބައިނަލްއަގުވާމީ ކަންކަމާބެހޭ މުޝީރު ކެރޮލިން ގްލިކް، ޣައްޒާގެ ފަލަސްތީނު ރައްޔިތުން އެހެން ގައުމުތަކަށް ބޭރުކޮށްލުމުގެ މަސައްކަތްތަކެއް ކުރިކަން އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ހާމަކޮށްފިއެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން މި މަގާމުގައި ހުރި ގްލިކް އަށް ހަވާލުކޮށްފައިވާ މައިގަނޑު އެއް މަސައްކަތަކީ ފަލަސްތީނު މީހުން ޣައްޒާއިން ބޭރުކުރުމުގެ މަސައްކަތެވެ.
މި މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގްލިކް ވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސޯމާލީލޭންޑް އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއެކު މަޝްވަރާތަކެއް ބާއްވާފައެވެ. މި މަޝްވަރާތަކުގެ ބޭނުމަކީ ޣައްޒާގެ ރައްޔިތުން އެ ގައުމުތަކަށް ބޭރުކުރުމެވެ. ނަމަވެސް، މި މަސައްކަތްތައް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ޣައްޒާ ރިވިއޭރާ" ތަސައްވުރު ހާމަކުރެއްވުމާ ގުޅިގެން، ގްލިކް ވަނީ އެ ރޭވުމުގެ ދަށުން މީހުން ބަދަލުކުރުމާ ގުޅޭ ހުށަހެޅުންތަކެއް އިސްރާއީލުގައި ހުންނަ އެމެރިކާ އެމްބަސީއަށް ވެސް ހުށަހަޅާފައެވެ. ޑިޕްލޮމެޓިކް ރިޕޯޓްތައް ބުނާގޮތުން، ގްލިކް މަސައްކަތް ކުރަމުންދަނީ ޓްރަމްޕްގެ ތަސައްވުރެއް އަމަލީ ސިފައެއް ޖައްސައި ޣައްޒާއިން މީހުން ބޭރުކޮށް އަރަބިންނާއި އެމެރިކާއާ ގުޅިގެން ޣައްޒާގެ ބިންތައް ހިފައިގެން ވިޔަފާރި ކުރާށެވެ.
މި މައްސަލައާ ގުޅިގެން ކެރޮލިން ގްލިކް އެއްވެސް އެއްޗެއް ބުނަން އެ ނޫހަށް އިންކާރުކޮށްފައި ވެއެވެ. ޖެނޮސައިޑް މުޖުރިމު ނަތަންޔާހޫގެ އޮފީހުން ވެސް މިކަމަށް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ މާރިޗު މަހު އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުން ބޭރުކުރުމަށް "މަގުފަހިކޮށްދިނުމަށް" ނިންމައި، ދިފާއީ ވުޒާރާގެ ދަށުން "އަމިއްލައަށް އެދިގެން ހިޖުރަކުރުމާބެހޭ އިދާރާ" އެއް އުފައްދާފައެވެ.
މީގެ އިތުރުން، "ޔަހޫދީ ޖަމިއްޔާއަކުން ވަނީ "އަލްމަޖްދު" ނަމަކަށް ކިޔާ ޖަމިއްޔާ މެދުވެރިކޮށް ސިއްރިއްޔާތުގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ދެކުނު އެފްރިކާ އަދި އިންޑޮނޭޝިއާއަށް ފޮނުވާފައެވެ. މިކަން މިގޮތަށް ކުރީ މިކަމުގައި އިސްރާއީލުގެ ދައުރެއް އޮތްކަން ފޮރުވުމުގެ ބޭނުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ ރޭވުންތައް ކާމިޔާބު ކުރުމަށް އިސްލާމީ ގައުމުތަކުންނާއި އަރަބި ގައުމުތަކުން ވެސް ބައިވެރިވެއެވެ. ސުލްހައިގެ ނަމުގައި މި ވެރިން ބޭނުން ވަނީ އެވެރިންގެ ގައުމުތަކަށް ފައިދާވާ ގޮތަށް ފަލަސްޠީނު މީހުންގެ މުސީބާތުން ވިޔަފާރި ކުރާށެވެ.



