ކޮލަމްބިއާގެ މަޝްހޫރު ޑްރަގް ވިޔަފާރިވެރިޔާ ޕަބްލޯ އެސްކޯބާގެ ކަނޑު ގެރިތައް މަރާލުމުގެ ބަދަލުގައި، އެ ޖަނަވާރުތަކަށް އިންޑިއާގައި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އަނަންތު އަމްބާނީ ހުށަހަޅައިފިއެވެ.
އަނަންތު އަމްބާނީ ބުނީ، ކޮލަމްބިއާގެ ކޯރުތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ މި ކަނޑުގެރިތައް މަރާލުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމަށް ރަސްމީކޮށް އެދިފައިވާ ކަމަށެވެ. އޭގެ ބަދަލުގައި، ސައިންޓިފިކް އުސޫލުތަކުގެ މަތިން 80 ކަނޑުގެރި އިންޑިއާގެ ގުޖުރާތުގައި ހުންނަ އޭނާގެ 'ވަންތާރާ' އެނިމަލް ސެންޓަރަށް ބަދަލުކުރުމުގެ ހުއްދައަށް ވަނީ އެދިފައެވެ.
އިންޑިއާގެ ހުޅަނގު ގުޖުރާތުގައި ހުންނަ ވަންތާރާ އަކީ ޖަނަވާރު ސަލާމަތްކޮށް، ބަލަހައްޓާ ދުނިޔޭގެ އެންމެ ބޮޑު އެއް މަރުކަޒެވެ. އިންޑިއާގެ ސެންޓްރަލް ޒޫ އޮތޯރިޓީން ބުނާ ގޮތުގައި، މި މަރުކަޒުގައި މިހާރުވެސް އެތައް ސަތޭކަ އެތާއި، 160 މިނިކާވަގު، 200 ސިންގާ، 250 ލެޕަޑް އަދި 900 ކިނބޫ ދިރިއުޅެމުންދެއެވެ.

އެސްކޯބާ މި ހިޕޯތައް ކޮލަމްބިއާއަށް ގެންދިޔައީ 1980 ގެ އަހަރުތަކުގައެވެ. އޭނާ މަރުވުމަށްފަހު، މި ޖަނަވާރުތައް ވަނީ ކޮލަމްބިއާގެ މަގްދަލޭނާ ކޯރުގެ އައްސޭރިފަށުގައި އާލާވެ، މަސްވެރިންނަށް ހަމަލާދީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާފައެވެ. މީގެ ސަބަބުން ކޮލަމްބިއާ ސަރުކާރުން ވަނީ މި ޖަނަވާރުތައް މަދުކުރުމަށް ނިންމާފައެވެ.
އަނަންތު އަމްބާނީ ހުށަހެޅި ޕްލޭންގައިވާ ގޮތުން، ވެޓެރިނަރީ ޑޮކްޓަރުންގެ ބެލުމުގެ ދަށުން މި ޖަނަވާރުތައް އިންޑިއާއަށް އުފުލައި، އެތަނުގައި އެ ސޫފިތަކަށް ހާއްސަ ގުދުރަތީ މާހައުލެއް ގާއިމްކުރެވޭނެއެވެ.





