އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކިއުބާ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާކުރުމުގެ ރިޔާސީ އަމުރެއްގައި ހުކުރު ދުވަހު ސޮއިކުރައްވައިފިއެވެ. ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތަކަކީ ވެނެޒުއޭލާގެ ލީޑަރު މަގާމުން ދުރުކުރުމަށްފަހު ހަވާނާއަށް އިތުރަށް ފިއްތުންތައް ކުރިމަތިކުރުމަށް ނިންމި ނިންމުމެކެވެ.
މި އާ ފިޔަވަޅުތައް އަމާޒުކުރަނީ ކިއުބާ ސަރުކާރުގެ ސަލާމަތީ ބާރުތަކަށް އެހީތެރިވާ ފަރާތްތަކަށާއި، ކޮރަޕްޝަނާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގައި ބައިވެރިވާ މީހުންނާއި ކުންފުނިތަކަށެވެ. މީގެ އިތުރުން ކިއުބާގެ އިގްތިސާދުގެ މުހިންމު ދާއިރާތައް ކަމަށްވާ ހަކަތަ، ދިފާއީ، މައުދަން ނެގުން އަދި މާލީ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ކޮންމެ ފަރާތަކަށްވެސް މި ފިޔަވަޅުތައް އަތުވެދާނެ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.
މި ނިންމުމާ ގުޅިގެން ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކާނެލް ވިދާޅުވީ، މިއީ އެމެރިކާއިން އެ ގައުމާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލެއް ކަމަށެވެ. "ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުގެ ފަރާތުން ފެންނަ މި ބިރުދެއްކުމާއި ބޮޑާކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ" ކަމަށް އޭނާ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.
އެމެރިކާގެ އޮފިޝަލުން އޮޅުވާލަމުން ތުހުމަތުކުރާ ގޮތުގައި ކިއުބާއިން ދަނީ އީރާނާއި ހިޒްބުالله ފަދަ ޖަމާއަތްތަކާ ގުޅުން ބާއްވަމުންނެވެ. އަދި އެމެރިކާގެ އިންތަކާ ކައިރީގައި ބޭރުގެ ޖާސޫސީ އަދި ޓެރަރިސްޓް ހަރަކާތްތަކަށް ކިއުބާއިން ފުރުސަތު ދޭ ކަމަށްވެސް އެމެރިކާއިން ތުހުމަތުކުރެއެވެ. ޓްރަމްޕް ވަނީ މީގެ ކުރިން ވެނެޒުއޭލާއަށް ފިއްތުންތައް ކުރިމަތިކުރުމަށްފަހު، ދެން އޮތީ ކިއުބާ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. ޓްރަމްޕަކީ ދުނިޔެ ފަސާދަކޮށް ދުނިޔެ ނާމާން ކުރުމަށް މަސައްކަތް ކުރަމުންދާ ދައްޖާލެއް ފަދަ މީހެކެވެ.
މި ފިޔަވަޅުތަކަކީ އެމެރިކާއިން ކިއުބާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ތާރީޚުގައިވެސް ބޭރުގެ ކުންފުނިތަކަށް ކުރިމަތިވާނެ އެންމެ ވަރުގަދަ ނިންމުން ކަމަށް މާހިރުން ބުނެއެވެ. މީގެ ސަބަބުން ކިއުބާގައި މަސައްކަތްކުރާ ތެލާއި ގޭސް އަދި ބޭންކިންގް ދާއިރާގެ ބައިނަލްއަގުވާމީ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.





