ޗައިނާގައި އުފައްދާ، އެތެރެކުރުން މަނާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއެޓްނާމް މެދުވެރިކޮށް ތައިވާނަށް ބޭރުކުރަމުންދާ ކަމަށް ބުނެ، ތައިވާނުން ޗައިނާއަށް ތުހުމަތުތަކެއް ކޮށްފިއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން އުފެދުނު އާ ވިޔަފާރީގެ ކޯޅުމެކެވެ.
ތައިވާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ޗައިނާގެ ތަރުކާރީ ވިއެޓްނާމްގެ އުފެއްދުންތަކެއްގެ ގޮތުގައި ލޭބަލް ބަދަލުކޮށްގެން ތައިވާނަށް އެތެރެކުރަމުންދާ ކަމަށެވެ. މިއީ ތައިވާނުން ޗައިނާގެ މުދަލަށް ކަނޑައަޅާފައިވާ ހުރަސްތަކުން ސަލާމަތްވުމަށާއި، ތައިވާނުގެ ދަނޑުވެރިންނަށް ވުރެ އަގުހެޔޮކޮށް މުދާ ވިއްކުމަށް ހިންގާ "ވެޖިޓަބަލް ލޯންޑަރިންގ" ނުވަތަ ތަރުކާރީ އަޅާލުމުގެ އަމަލެއް ކަމަށް އޮފިޝަލުން ސިފަކުރެއެވެ.
ތައިވާނުގެ އެގްރިކަލްޗަރ މިނިސްޓްރީން ބުނީ ވިއެޓްނާމުން އެތެރެކުރާ ތަރުކާރީގެ މިންވަރު ކުއްލިއަކަށް އިތުރުވުމާއި، ލިޔެކިޔުންތަކުގައި ހުރި ފުށުއެރުންތަކުގެ އިތުރުން، ވިއެޓްނާމްގައި އާންމުކޮށް ނުހެދޭ ބާވަތްތައް އެ ގައުމުގެ ނަމުގައި އެތެރެކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތަކާއި މޫސުމީ މައްސަލަތަކާ ކުރިމަތިލާންޖެހިފައިވާ ތައިވާނުގެ ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ތައިވާނުން ވަނީ ވިއެޓްނާމްގެ އެކްސްޕޯޓް ކޮންޓްރޯލް ވަރުގަދަކުރުމަށާއި، މިކަން ތަހުގީގު ކޮށްދިނުމަށް އެދިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ތަރުކާރީ އެތެރެކުރާއިރު މިހާރަށްވުރެ ހަރުކަށިކޮށް އިންސްޕެކްޓް ކުރާނެ ކަމުގެ އިންޒާރުވެސް ތައިވާނުން ވަނީ ދީފައެވެ.
ޗައިނާއިން މީގެ ކުރިންވެސް ވަނީ ތައިވާނުގެ އަލަނާސި، އާފަލު އަދި މަހުގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފައެވެ. ތައިވާނުން ބުނާ ގޮތުގައި ޗައިނާގެ މި ނިންމުންތަކަކީ ސިޔާސީ މަގްސަދެއްގައި ނިންމާފައިވާ ނިންމުންތަކެކެވެ. ޗައިނާއިން މިހާތަނަށް މި ފަހުގެ ތުހުމަތުތަކަށް ރަސްމީކޮށް ޖަވާބެއް ދީފައި ނުވި ނަމަވެސް، މީގެ ކުރިން ބުނެފައިވަނީ އެގައުމުގެ އުފެއްދުންތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނު ފެތޭ ތަކެތި ކަމަށެވެ.
މުހައްލިލުން ދެކޭ ގޮތުގައި މި މައްސަލައަކީ ހަމައެކަނި ތަރުކާރީގެ މައްސަލައެއް ނޫނެވެ. މިއީ ތައިވާނުން އެމެރިކާ، ޖަޕާން އަދި ޔޫރަޕާ ގުޅުން ބަދަހިކުރަމުންދާތީ، ޗައިނާއާއި ތައިވާނާ ދެމެދު އޮތް ނުތަނަވަސްކަން ވިޔަފާރީގެ ތެރެއިން ފެންނަމުންދާ ގޮތެވެ. ތައިވާނަށް މިއީ އިގްތިސާދީ ފިއްތުންތައް ކޮންމެ ފަދަ ސިފައެއްގައިވެސް ކުރިމަތިވެދާނެ ކަމުގެ ހަނދާންކޮށްދިނުމެކެވެ.



