ތެލުގެ އަގުބޮޑުވެ ވައިގެ ސަރަހައްދު ބަންދުވުމުގެ ސަބަބުން އެއަރ އިންޑިއާގެ ބައިނަލްއަގުވާމީ ދަތުރުތައް މަދުކުރަނީ

ވައިގެ ދަތުރުފަތުރަށް ބޭނުންކުރާ ތެލުގެ އަގު އިންތިހާއަށް އުފުލުމާއި، ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، އެއަރ އިންޑިއާގެ ބައިނަލްއަގުވާމީ ދަތުރުތައް ޖުލައި މަހުގެ ނިޔަލަށް މަދުކުރުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

އެއަރ އިންޑިއާގެ ސީއީއޯ ކޭމްޕްބެލް ވިލްސަން މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ، އޮޕަރޭޝަނަލް ޕްރެޝަރުތަކުގެ ސަބަބުން ޝެޑިއުލްތަކަށް ބަދަލު ގެނައުން ނޫން އިތުރު ގޮތެއް މިވަގުތު ނެތް ކަމަށެވެ. ޚާއްސަކޮށް ދުރު ރާސްތާގެ ބައެއް ދަތުރުތަކަކީ މާލީ ގޮތުން މިވަގުތު ކުރިއަށް ގެންދެވޭނެ ފަދަ ދަތުރުތަކެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަނގުރާމަވެރި ސަރަހައްދުތަކުގެ ވައިގެ ސަރަހައްދު ބަންދުވުމުގެ ސަބަބުން ދަތުރުތައް ކުރުމަށް ދިގު މަގުތައް އިޚްތިޔާރު ކުރަން ޖެހުމަކީ ތެލުގެ ޚަރަދު ބޮޑުވެ، ކްރޫއިންނާއި ބޯޓުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ހުރަސް އެޅޭ ކަމެކެވެ. އެއަރ އިންޑިއާއިން ވަނީ އޭޕްރީލް އަދި މެއި މަހަށްވެސް ދަތުރުތައް މަދުކޮށްފައެވެ.

އިންޑިއާގެ އެއަރލައިންތަކުގެ ފެޑެރޭޝަނުން ވަނީ ތެލުގެ އަގު އުފުލުމުގެ ސަބަބުން މުޅި ސިނާއަތް އޮތީ "ނުހަނު ބޮޑު ނުތަނަވަސްކަމެއްގެ" ތެރޭގައި ކަމަށް ބުނެ ސިވިލް އޭވިއޭޝަން މިނިސްޓްރީއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ތެރޭގައި އެއަރ އިންޑިއާގެ އިތުރުން އިންޑިގޯ އަދި ސްޕައިސްޖެޓް ފަދަ އެއަރލައިންތައް ހިމެނެއެވެ.

ދަތުރުތައް މަދުކުރާނެ ވަކި ރޫޓުތަކެއް އަދި އާންމުކޮށްފައި ނުވި ނަމަވެސް، ދުރު ރާސްތާގެ ބައެއް ދަތުރުތައް މަދުކޮށް، ބައެއް ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށް ބެލެވެއެވެ. ޝެޑިއުލަށް އަންނަ ބަދަލުތައް ދަތުރުވެރިންނަށް ކުރިއާލާ އެންގުމާއި، އަލުން ބުކިން ހެދުމުގެ ފުރުސަތު ދޭނެ ކަމަށް އެއަރލައިނުން ބުނެއެވެ.

މި ނިންމުމަކީ ކުރިމަތިވަމުންދާ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށް އެއަރ އިންޑިއާއިން އެޅި ފިޔަވަޅެކެވެ. މިއާއެކު އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް މި ހޫނު މޫސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!