ޚަރަދުތައް ބޮޑުވެ ޑިމާންޑް ދަށްވުމުގެ ސަބަބުން ޗައިނާގެ ކާނާގެ ރައްކާތެރިކަމަށް ގޮންޖެހުންތަކެއް

ޗައިނާގެ ދަނޑުވެރިކަމަށް ބޭނުންވާ ތަކެތީގެ އަގު އުފުލުމާއި، އެތެރޭގެ ބާޒާރުގައި ކާބޯތަކެއްޗަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން އެ ގައުމުގެ ކާނާގެ ރައްކާތެރިކަމުގެ ނިޒާމަށް ނުތަނަވަސްކަން ކުރިމަތިވެއްޖެއެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، ސަޕްލައި ކަށަވަރުކުރުމާއި ބާޒާރުގެ ބަދަލުތަކަށް އިޖާބަދިނުމުގެ ދެމެދުގައި އޮތް ބެލެންސް ހިފެހެއްޓުން މިހާރު ވަނީ އިތުރަށް އުނދަގޫވެފައެވެ.

ސްޓޯންއެކްސްގެ ސީނިއަރ މާކެޓް އެނަލިސްޓް އައިވީ ލީ ވިދާޅުވި ގޮތުގައި، ޗައިނާއިން ސަޕްލައިގެ ނުރައްކާތައް މެނޭޖްކުރުމަށް ބަރޯސާވަނީ ދައުލަތުގެ ނުފޫޒާއި، އަމިއްލަ އުފެއްދުންތެރިކަމުގެ އިތުރުން އެކި ގައުމުތަކުން މުދާ އިމްޕޯޓްކުރުމުގެ މައްޗަށެވެ. ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ވަގުތުގައި ސަޕްލައި ހަމަހަމަކޮށް ހިފެހެއްޓުމަށް ޗައިނާއިން ދައުލަތުގެ ރިޒާވްތަކާއި އެތެރޭގައި އުފައްދާ ފާޓިލައިޒާ ބޭނުންކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ލީ އިތުރަށް ވިދާޅުވީ، ޗައިނާގެ ފާޓިލައިޒާ އުފެއްދުމުގައި ކޯލާ ދެލި ބޭނުންކުރުމުގެ ސަބަބުން، ދުނިޔޭގެ އެލް.އެން.ޖީ ބާޒާރަށް އަންނަ އަގުގެ ބަދަލުތަކުން އެ ގައުމަށް ކުރާ އަސަރު ކުޑަވާ ކަމަށެވެ. މީގެ ސަބަބުން ގޮވާމުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށާއި އިންފްލޭޝަން ކޮންޓްރޯލްކުރުމަށް ފަސޭހަވެއެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތި މަދުވުން ދިގުލައިގެން ގޮސްފިނަމަ، ކުރިއަށް އޮތް ދަނޑުވެރިކަމުގެ ސީޒަންތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، ޗައިނާގެ ބަފަރ ސިސްޓަމް އިމްތިހާނު ކުރެވޭނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑިމާންޑް ދަށްވުމެވެ. ޚާއްޞަކޮށް ޖަނަވާރުގެ ކާނާ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން، ޖަނަވާރުގެ ކާނާއަށް ބޭނުންވާ ކޯން އަދި ސޯޔާބީންގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޗައިނާގައި ބޭނުންކުރާ ގޮވާމުގެ ބޮޑު ބައެއް ހިއްސާކުރަނީ ޖަނަވާރުގެ ކާނާއަށް ކަމަށްވާއިރު، މި މަޑުޖެހުމުގެ ސަބަބުން ބާޒާރު އިއާދަވުން ވަނީ ލަސްވެފައެވެ.

މާހިރުން ލަފާކުރާ ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ އޮއިވަރަށް ބަދަލުތަކެއް އައިސް، ޗައިނާއިން މުދާ އިމްޕޯޓްކުރާ ގޮތްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. މިއީ ދުނިޔޭގެ ގޮވާމާއި ތެޔޮ އުފައްދާ އޮށްތަކުގެ ބާޒާރަށްވެސް އަސަރުކުރާނެ ކަމެކެވެ.

ޗައިނާއިން އެކި ސިޔާސަތުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ސަޕްލައި ޗެއއިންއަށް އަރާ ލޮޅުންތައް މެނޭޖްކުރަމުން ދެއެވެ. ނަމަވެސް، މިހާރު ކުރިމަތިވެފައިވާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ފިއްތުންތަކުން އެ ގައުމުގެ ކާނާގެ ރައްކާތެރިކަމުގެ އޮނިގަނޑުގައި ހުރި ބަލިކަށިކަން ވަނީ ހާމަވެފައެވެ.

ހިއްސާ ކުރައްވާ!